ޚަބަރު

ރައީސް ނަޝީދުގެ ދަތުރުފުޅަށް މަޖްލީހުން ޚަރަދު ނުކުރުމަކުން އެ ނިމުނީކީ ނޫން: ރޮޒެއިނާ


ރައީސް ނަޝީދުގެ ދަތުރުފުޅަށް މަޖްލީހުން ޚަރަދު ނުކުރުމަކުން އެ ނިމުނީކީ ނޫންކަމަށާއި، ރާއްޖެއިން ބައިވެރިވާ ފޯރަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަށް އެހެން ޤައުމެއް ތަމްސީލު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ފުރާވަޑައިގަތީ ހުކުރު ދުވަހުއެވެ. އެމަނިކުފާނުގެ ދަތުރުފުޅަކީ ރާއްޖެ ތަމްސީލު ކުރައްވަން ކުރައްވާ ދަތުރުފުޅެއް ނޫން ކަމަށާއި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ އަވައްޓެރި ސްރީލަންކާގެ ފަރާތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އާ ސުވާލެއް ކުރައްވާފައެވެ. ރޮޒައިނާ އެއްސެވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް، ރާއްޖެ ބައިވެރިވާ ފޯރަމެއްގައި އަމުދުން އެހެން ޤައުމެއް ތަމްސީލު ކުރެއްވިދާނެތޯއެވެ. އަދި އެކަން އެގޮތަށް ކުރެވޭނެ ކަމަށް އޭނާގެ ބުއްދި އަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުން އެއްވެސް ޚަރަދެއް ނުކުރާކަމަށް ބުނުމަކުން ހައްލެއް ނެތް ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އދ. އަށް ވަޑައިގެން ސްރީލަންކާ ތަމްސީލު ކުރައްވައި، އެމަނިކުފާނުގެ ދަތުރުފުޅަށް ރައީސް އޮފީހުން ޚަރަދު ނުކުރަމޭ ވިދާޅުވުމުން ނިމުނީތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވީ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ރައީސް ނަޝީދު ވަޑައިގަންނަވަނީ ރަސްމީ ދަތުރުފުޅެއްގައި ކަމަށް ބުނެފައި އޮތުމުން އެ ދަތުރުފުޅަށް ޚަރަދު ކުރަނީ މަޖިލީހުންތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވާތީއެވެ. ނަމަވެސް އެ ދަތުރުފުޅަށް ޚަރަދު ކުރަނީ މަޖިލީހުން ނޫން ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ހޮނިހިރު ދުވަހު “ރާއްޖެ އެމްވީ” އަށް ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ނަޝީދުގެ އެ ދަތުރުފުޅަށް ޚަރަދު ކުރަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން ކަމަށެވެ. އަދި ރައީސް ނަޝީދު މިސްރަށް ކުރައްވާ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް ބަޔާންކޮށްފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ރަސްމީ ދައުވަތަކަށް ވަޑައިގަންނަވާތީ ކަމަށާއި ސީވީއެފްގެ ގުޅުންހުރި ބައެއް ކަންތައްތައް ރާއްޖެ އިން ބަލަހައްޓަމުންދާތީ ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ. ރައީސް ނަޝީދަކީ ސީވީއެފްގެ އެމްބެސެޑަރ ފޯ އެމްބިޝަންއެވެ.

ކޮޕް27 ގައި ރާއްޖެ ތަމްސީލު ކުރައްވާ ވަފުދާ އެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ ހުކުރު ދުވަހު މިސްރަށް ވަޑައިގެންފައެވެ. މި ކޮންފަރެންސްގައި ޤައުމީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާއިރު، ކޮޕް27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close