ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ތަރައްޤީކުރުމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ދަނޑުވެރިކަމުގެ ނިޒާމެއް ހަރުދަނާކުރުމަށް އަމާޒުކޮށް، ނ. މަނަދޫގައި މުހިއްމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، ކާބަން ބޭރުކުރުން މަދު ދަނޑުވެރިކަމުގެ ވެލިއު ޗެއިންތައް ތަރައްޤީކުރުމެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝިޔާމްގެ އިތުރުން، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ އަދި އދ. ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ތަމްސީލުކުރާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ވަފްދަށް މަނަދޫއިން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މަނަދޫއަށް ވަޑައިގަތުމަށްފަހު، ވަފްދުގެ ބޭފުޅުން ވަނީ ރަށު ކައުންސިލާއެކު ޚާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީގެ އިސްކަންދޭ ކަންކަމާއި، ޚާއްސަކޮށް ދަނޑުވެރިކަން ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ދަނޑުވެރިކަމުގެ އެކި ފުރުޞަތުތަކާއި، އުފެއްދުންތައް މާކެޓަށް ނެރުމުގެ ކޮންސެޕްޓުތަކާއި، އުފެއްދުންތައް އެއްކުރުމާއި ބަންޑުންކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.
މި ބައްދަލުވުމުގެ މުހިންމު ނުކުތާއެއްގެ ގޮތުން، ދަނޑުވެރިންނާއި މާކެޓު ގުޅުވައިދޭނެ އިތުބާރު ހުރި، ކާބަން ބޭރުކުރުން މަދު ދަތުރުފަތުރުގެ ނިޒާމުތައް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ. މީގެ ސަބަބުން ރަށްރަށާއި މާކެޓުތަކާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް ފަސޭހައިން އުފުލުމުގެ ކަންކަން ހަރުދަނާވެގެންދާނެއެވެ.
މި މަޝްވަރާތަކާ ގުޅިގެން، ލޯ-ކާބަން އެޓޯލް ވެލިއު ޗެއިންސް ފޯ ކްލައިމެޓް-ރެޒިލިއަންޓް އެގްރިކަލްޗަރ (ލާވާ) މަޝްރޫޢުގެ ފަރުމާކުރުމުގެ މަސައްކަތާ ބެހޭގޮތުން ބްރީފިންގއެއް ބާއްވާފައިވެއެވެ. މި ބްރީފިންގގައި މަޝްރޫޢުގެ ފަންނީ ދިރާސާއިން ފާހަގަކުރެވުނު ކަންކަން ހުށަހަޅާ، ނޫނު އަތޮޅުގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް އިސްކަންދޭ ކަންކަމާ ބެހޭގޮތުން ބައިވެރިންނަށް މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.
ލާވާ މަޝްރޫޢަކީ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ވެލިއު ޗެއިންތައް ތަރައްޤީކުރުމާއެކު، މޫސުމީ ބަދަލުތަކާ ގުޅިފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމާޒުކޮށްފައިވާ މަޝްރޫޢެކެވެ. ރަށު ފެންވަރުގައި އުފެއްދުންތައް އިތުރުކުރުމާއި، ދަތުރުފަތުރުގެ ނިޒާމުތައް ރަނގަޅުކުރުމާއި، މާކެޓާ ގުޅުން ހަރުދަނާކުރުމަކީ އަތޮޅުތަކުގައި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް މުހިއްމު ކަންކަމެވެ.
މަނަދޫގައި ކުރެވުނު މި މަޝްވަރާތަކުގެ ސަބަބުން ސަރުކާރުގެ ފަރާތްތަކާއި، ބައިނަލްއަޤުވާމީ ބައިވެރިންނާއި، ރަށު ފެންވަރުގެ ހިއްސާދާރުންނަށް، ނޫނު އަތޮޅުގައި ދެމެހެއްޓެނިވި، ލޯ-ކާބަން އަދި މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ދަނޑުވެރިކަމުގެ ނިޒާމެއް ތަރައްޤީކުރުމަށް އެހީތެރިވެދޭނެ ދާއިރާތައް ދެނެގަތުމަށް ފަސޭހަވެގެން ގޮސްފިއިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...