ޚަބަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހުއްޓުމެއް ނެތި ފަހިކޮށްދެވޭނެ: ވަޒީރު ޤީލާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހުއްޓުމެއް ނެތި ފަހިކޮށްދެވޭނެ: ވަޒީރު ޤީލާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހުއްޓުމެއް ނެތި ފަހިކޮށްދެވޭނެ: ވަޒީރު ޤީލާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދީ، މުޖުތަމަޢުގައި އެފަރާތްތައް ބާރުވެރިކުރުވުމުގެ މަސައްކަތް ސަރުކާރުން އެއްވެސް ހާލަތެއްގައި މަޑުޖައްސާނުލާނެ ކަމަށް، ޞިއްޙަތާއި، އާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިކަން ހާމަކުރެއްވީ "އަހާ" ފޯރަމްގައި އާންމުރައްޔިތަކު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ޤީލާ ވިދާޅުވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ އެހެން މީހުންނެކޭ އެއްގޮތަށް އަމިއްލައަށް އުޅެވޭނެ ބައެއްކަން ކަށަވަރުކުރުމަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ. މި ސަރުކާރުގެ މަސައްކަތް ފަށާފައިވަނީ ހަމައެކަނި ވަޒީފާއެއް ދިނުމުގެ ބަދަލުގައި، އެ ފަރާތްތަކަކީ މަސައްކަތުގެ މާޙައުލުގައި ބަލައިގަންނަ، ބޭނުންތެރި އަދި މުހިންމު ބައެއްގެ ގޮތުގައި ބިނާކުރުމުގެ ދުރުވިސްނޭ ވިސްނުމުގައި ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 416 ފަރާތަކަށް ވަނީ ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައެވެ. ވަޒީފާތައް ދިނުމުގެ ކުރިން، ވަޒީފާ އަދާކުރެވޭނެ އަދި ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ފަންކްޝަނަލް އެސެސްމެންޓުތަކެއް ހަދައި، އެފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާގެ ފުރުޞަތުތައް ދެނެގަނެވެއެވެ. ހަމައެއާއެކު، މަސައްކަތުގެ މާޙައުލު އެ ފަރާތްތަކަށް ތައްޔާރުކުރުމާއި، އެފަރާތްތަކާއެކު މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމުތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވަޒީރު ޤީލާ ވިދާޅުވިއެވެ.

މިހާރު ސަރުކާރުގެ ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ މަސައްކަތްތަކާއި، ކުންފުނިތަކަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ސަބަބުން މި މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވާ ކަމަށް ވަޒީރު ޤީލާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އެކަމަނާ ވިދާޅުވީ މިއަހަރު މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރަން ބޭނުންވާ 60 ފަރާތަކަށް ވަޒީފާ ހަމަޖައްސާދެވިފައިވާއިރު، މިހާރު ސިވިލް ސާވިސް ކޮމިޝަނާއި ކުންފުނިތަކާ ގުޅިގެން ހުރި ފުރުޞަތުތައް ބަލައި، އެ ކުދިންނަށް ވަޒީފާ ހޯދޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ވަޒީރު ޤީލާ ވަނީ މި މަޝްވަރާތައް ކާމިޔާބުވާނެ ކަމަށާއި، ކުންފުނިތަކުން ވެސް މި ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭނެ ކަމުގެ ފެހި ސިގުނަލްތައް މިހާރު ލިބެމުންދާ ކަމަށް ވިދާޅުވެފައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތުތަކެއް ލިބި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ދެއްވާ އިސްކަމާއި، މި މަސައްކަތަށް ދެއްވާ ސާބިތުކަން ހާމަވާ ކަމެކެވެ.

ޓެގް

ހެލްތްމިނިސްޓްރީ ހެލްތްމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.