ޚަބަރު

ހަރުދަނާ މާލީ ސިޔާސަތުތައް ކާމިޔާބުވެ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް އައުޓްލުކް ‘ސްޓޭބަލް’ އަށް ބަދަލުކޮށްފި

ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ2 ގައި ދަމަހައްޓައި، ކުރިން އޮތް “ނެގެޓިވް” އައުޓްލުކް “ސްޓޭބަލް” އަށް ބަދަލުކޮށްފިއެވެ.

މި ބަދަލަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ފާއިތުވި އަހަރުގެ ތެރޭގައި ގެންގުޅުނު ހަރުދަނާ މާލީ ސިޔާސަތުތަކާއި ފިޔަވަޅުތަކުގެ ރަނގަޅު ނަތީޖާއެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުންދާކަމުގެ ހެއްކެކެވެ.

މީގެ ކުރިން، ރާއްޖޭގެ މާލީ ހާލަތު އޮތީ އާމްދަނީއާ ނުބައްދަލު ޚަރަދުތަކުގެ ސަބަބުން ބޮޑު އަގުގައި ދަރަނި ނަގާފައިވާ މިންވަރު އިތުރުވެ، ފިސްކަލް ހާލަތު ދަށްވެ، ދަރަނި އަދާނުކުރެވޭ މިސްރާބެއްގައެވެ. ބައިނަލްއަޤުވާމީ ފަރާތްތަކުން ވެސް މިކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މި ހާލަތުން އަރައިގަތުމަށް ސަރުކާރުން ވަނީ 2024 ވަނަ އަހަރުން ފެށިގެން ހަރުދަނާ މާލީ ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ރަނގަޅުވެ، މެކްރޮފިސްކަލް ހާލަތު ފުދުންތެރިވެފައިވާކަން މޫޑީސްއިން ވަނީ ފާހަގަކޮށްފައެވެ.

ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް ވަނީ މުރާޖައާކޮށްފައެވެ. މީގެ އިތުރުން، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގެ ސަބަބުން ރަސްމީ ރިޒަރވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެފައިވާކަން މޫޑީސްއިން ފާހަގަކުރިއެވެ. ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި (އެސްޑީއެފް) ބޭރު ފައިސާގެ ކޭޝް ބެލެންސް މިދިޔަ އަހަރުގެ 15 މިލިއަން އެމެރިކާ ޑޮލަރުން، 2025 ނޮވެންބަރު 9 ވަނަ ދުވަހާ ހަމައަށް 126 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަން ވެސް އެ އެޖެންސީން ފާހަގަކުރިއެވެ.

ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި ޚަރަދުތައް ކޮންޓްރޯލްކޮށް، މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް މޫޑީޒްއިން ވަނީ ތައުރީފުކޮށްފައެވެ. މިފަދަ މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު ވެސް ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ނުކޮށް، އިގުތިސާދު ކުރިއަރަމުންދާކަން މޫޑީޒްއިން ފާހަގަކުރެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10 އިންސައްތައިން އިތުރުވެފައިވާއިރު، ހޭދަކުރި ރޭގެ އަދަދު 7.2 އިންސައްތައިން ވަނީ ކުރިއަރާފައެވެ.

ސަރުކާރުން 2026 އިން 2028 ވަނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި، އިގުތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ބޭރު ފައިސާއިން ކޮންމެ އަހަރަކު ވެސް އަދާކުރަންޖެހޭ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ވަނީ ރާވާފައެވެ. މޫޑީޒްއިން ފާހަގަކުރި ގޮތުގައި، ދަރަނީގެ މިންވަރު މަތިވެފައިވުމުގެ ސަބަބުން ސީއޭއޭ2 ގެ ރޭޓިންގ ދަމަހައްޓާފައިވީ ނަމަވެސް، 2026 ވަނަ އަހަރު މެޗުއަރވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެނައުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close