ސްޕެނިޝް ލަލީގާގައި ވާދަވެރި ބާސެލޯނާއިން ގެޓަފޭ 3-0 އިން ބަލިކޮށް ލީގު ތާވަލުގެ އެއްވަނައިގައި ފަރަގު ބޮޑުކުރިއިރު، 10 ކުޅުންތެރިންނާއެކު ކުޅެ ރެއާލް މެޑްރިޑުން 1-0 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދައިފިއެވެ.
މި ނަތީޖާތަކާއެކު ކުޅުނު އަށް މެޗުން ވެސް މޮޅުވެ 24 ޕޮއިންޓާއެކު އެއްވަނައިގައި ބާސެލޯނާ އޮތްއިރު، ރެއާލް މެޑްރިޑް އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.
އަނިޔާގެ ސަބަބުން ރަފީނިއާ ނުލައި ކުޅުނު ބާސެލޯނާއިން މެޗު ފަށައިގެން ދެވަނަ މިނިޓުގައި އެންތަނީ ގޯޑަން ޖެހި ލަނޑުން ވަނީ ލީޑު ނަގާފައެވެ. މިއީ ބާސެލޯނާއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. އޭގެފަހުން ގަބްރިއެލް ޖީސޫސް އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، ތިންވަނަ ލަނޑު ޖަހައި ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ލަމީން ޔަމާލްގެ އެހީތެރިކަމާއެކު ޖޫލްސް ކޫންޑޭއެވެ.
ވިޔަރެއާލާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު ފޯރިގަދަ މެޗުގެ ހަމައެކަނި ލަނޑު، 62 ވަނަ މިނިޓުގައި ފެޑެރީކޯ ވަލްވޭޑޭ ތަނަވަސްކޮށްދިން ފުރުޞަތަކުން ކާމިޔާބުކުރީ ޔަން ޑިއޮމަންޑޭއެވެ. މި ލަނޑަކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ބަލައިގަތް ގޯލެކެވެ.
ނަމަވެސް މެޗުގެ 72 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިނީޝިއުސް ޖޫނިއާ ޖެހި ގޯލެއް ބާޠިލުކޮށް، އިދިކޮޅު ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރް މެދުވެރިކޮށް އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކިއެވެ. ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހިގެން މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރެއާލްގެ ކޯޗު ބައިވެރިވެފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...