ޚަބަރު ދިވެހި ބަސް ކުރިއަރުވަން އަންނަ އަހަރު ހެކަތޯންއަކާއި ބަހާ ގުޅޭ ގޭމްތައް ތަރައްގީކުރަނީ: ވަޒީރު ހީނާ

ދިވެހި ބަސް ކުރިއަރުވަން އަންނަ އަހަރު ހެކަތޯންއަކާއި ބަހާ ގުޅޭ ގޭމްތައް ތަރައްގީކުރަނީ: ވަޒީރު ހީނާ

ދިވެހި ބަސް ކުރިއަރުވަން އަންނަ އަހަރު ހެކަތޯންއަކާއި ބަހާ ގުޅޭ ގޭމްތައް ތަރައްގީކުރަނީ: ވަޒީރު ހީނާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އީޖާދީ ވަސީލަތްތަކުގެ ބޭނުންހިފައިގެން ދިވެހި ބަސް ކުރިއެރުވުމަށްޓަކައި އަންނަ އަހަރުގެ ތެރޭގައި ޚާއްޞަ ހެކަތޯންއެއް ބޭއްވުމުގެ އިތުރުން، ބަހާ ގުޅޭ ގޭމްތައް ތަރައްގީކުރުމަށް ރޭވިފައިވާ ކަމަށް ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި އާންމުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ޒަމާނީ ފަންނުވެރިކަމާއެކު ބަސް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ލިޔުންތައް ދަފްތަރުކޮށް ބެލެހެއްޓޭނެ ޚާއްޞަ ޑޭޓާބޭސްއެއް ގާއިމުކުރުމާއި، މައުރަޒުތައް މެދުވެރިކޮށް ކެލިގްރަފީއާއި ބަހުގެ ތާރީޚު ފޯރުކޮށްދިނުން ހިމެނޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދިވެހި ބަހުގެ އެކެޑަމީން ރަދީފު އެޕްލިކޭޝަންގެ އާ އިސްތަށިފިލާއެއް ނެރެފައިވާއިރު، އެޕް މެދުވެރިކޮށް އާ ބަސްތައް ހުށަހެޅުމާއި އަކުރުތަކުގެ ރަދީފު ވަކިން ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އޭގެ އިތުރުން، ދިވެހި ބަހުގެ ގަވާއިދު ފޮތް އެކުލަވާލުމަށް 10 ވަރަކަށް އަހަރު ކުރެވުނު މަސައްކަތް ނިންމައި، މިއަހަރުގެ ނޮވެމްބަރު މަހު އެ ފޮތް ނެރުމަށް ތައްޔާރުވަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ. މި ފޮތުގައި ބަހުގެ ލަފުޒުތައް އެތުރޭ ބައިތަކުގެ އިތުރުން ބަހަވީ އިލްމު ޒަމާނާ ފެއްތުމަށް ބޮޑު އިސްކަމެއް ދީފައިވާނެއެވެ.

ދިވެހި ބަހުން ރީތިކޮށް ވާހަކަދައްކަން ނޭނގޭ މައްސަލައާއި ބަސް ނެތެމުންދިއުމުގެ ބިރަށް ދާއިމީ ހައްލެއް ހޯދުމަށް ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ތަފާތު މުބާރާތްތައް ހިންގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ވާހަކަދެއްކުމާއި، މަޒުމޫނު، ކުރުވާހަކަ އަދި ޅެން ހެދުމުގެ މުބާރާތްތަކުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ބޭއްވި ގައުމީ އަތުލިޔުމުގެ މުބާރާތުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ.

ވުޒާރާގެ އެހީތެރިކަން މުޅި ރާއްޖެއަށާއި ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް ފޯރުކޮށްދެމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމުން އިސްނަގައިގެން އައްޑޫއާއި ފުވައްމުލަކުގައި ބާއްވާ މުބާރާތްތަކަށް ފަންނީ އެހީތެރިކަން ދެމުންދާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައިވާ އެމްބަސީތައް މެދުވެރިކޮށް، ބޭރުގައި ދިރިއުޅޭ ދިވެހިންނަށްވެސް ބަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެހީތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ.

ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކުރަމުންދާ ކަމަށާއި، އިޞްލާޙެއް ގެންނަންޖެހޭނަމަ އެކަންކަން ދެނެގަތުމުގެ މަރުޙަލާ މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހި ބަހާއި ސަގާފަތް ދިރުވައި، ބަހަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

ޓެގް

ހީނާ ވަލީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.