އިލެކްޓްރިކް ކާރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ މަގުބޫލުވަމުންނެވެ. ޕެޓްރޯލް ނުވަތަ ޑީސަލް ބޭނުންކުރާ ކާރުތަކާ ހިލާފަށް އިލެކްޓްރިކް ކާރު ދުއްވަނީ ބެޓެރީގައި ރައްކާކޮށްފައި ހުންނަ ކަރަންޓުންނެވެ. ގިނަ ކާރު ކުންފުނިތަކުން މިހާރު ދަނީ މި ޓެކްނޮލޮޖީއަށް އިންވެސްޓް ކޮށް، އެކި ވައްތަރުގެ ޑްރައިވަރުންނަށް އާ މޮޑެލްތައް އުފައްދަމުންނެވެ.
އިލެކްޓްރިކް ކާރުތަކަށް މީހުން ޝައުގުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެ ކާރު ދުއްވުމުގެ ހަރަދު ކުޑަވުމެވެ. ކަރަންޓާއި ތެލުގެ އަގުތަކަށް ބަލައި ކާރު ޕެޓްރޯލް ފުލްކުރުމަށް ވުރެ އިލެކްޓްރިކް ކާރު ޗާޖު ކުރުމަކީ ހަރަދު ކުޑަވާނެ ކަމެކެވެ. އިލެކްޓްރިކް ކާރުތަކުން ކާރު ދުއްވާއިރު އެއްވެސް އެގްޒާސްޓް އެމިޝަނެއް ނުނެރެއެވެ.
ކާރު ކުންފުނިތަކުން ދަނީ އިލެކްޓްރިކް ވެހިކަލްތައް ފަސޭހަ އަދި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިތަކުން ދަނީ ބެޓެރީގެ ޕާފޯމަންސް ރަނގަޅުކޮށް، ޑްރައިވިން ރޭންޖް އިތުރުކޮށް، އަވަސް ޗާޖިން ސިސްޓަމެއް ތަރައްގީ ކުރަމުންނެވެ. ހޮންޑާ އިން ވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިލެކްޓްރިކް ވެހިކަލްތައް މަގުމަތީގައި ދުއްވާއިރު ވަޔަލެސްކޮށް ޗާޖު ކުރެވޭ ޓެކްނޮލޮޖީ ޓެސްޓް ކުރަން ނިންމައިފައެވެ. މިކަމުގެ ސަބަބުން ކާރު ދުއްވާ މީހުން ކާރު ހުއްޓުވައި ޗާޖު ކުރަން ޖެހޭ މިންވަރު ކުޑަވެގެންދާނެއެވެ.
ނަމަވެސް އިލެކްޓްރިކް ކާރުތަކަށް އަދިވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބެޓެރީ ޗާޖު ކުރަން ޖެހޭ ވަގުތެވެ. ބައެއް ސަރަހައްދުތަކުގައި ޗާޖިން ސްޓޭޝަންތައް ވެސް ވަރަށް މަދުވުމުގެ ސަބަބުން ދުރު ރާސްތާގައި ދަތުރު ކުރާ މީހުންނަށް، އިލެކްޓްރިކް ކާރު ބޭނުން ކުރަން ފަސޭހައެއް ނުވެއެވެ. ދެން ޖެހޭ އެނެއް މައްސަލައަކީ ބައެއް އިލެކްޓްރިކް ވެހިކަލްތަކުގެ އަގު ވެސް ބޮޑުވުމެވެ.
އަނެއް މައްސަލައަކީ ބެޓެރީ އުފެއްދުމާއި ނައްތާލުމެވެ. އިލެކްޓްރިކް ކާރު ބެޓެރީތަކަށް ލިތިއަމް އާއި އެހެނިހެން މިނަރަލްސް ފަދަ ތަކެތި ބޭނުންވެ އެވެ. ބެޓެރީ އުފެއްދުމަކީ ތިމާވެއްޓަށް އަސަރު ކުރާނެ ކަމަކަށް ވާތީ ބެޓެރީ ރީސައިކަލް ކުރުމުގެ ރަނގަޅު ގޮތްތަކާއި ބެޓެރީތައް ދިގު މުއްދަތަކަށް ދެމިގެންދާނެ ގޮތްތައް ހޯދަން ކުންފުނިތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ގޮންޖެހުންތަކާ އެކުވެސް، އިލެކްޓްރިކް ކާރު މިހާރު ވަނީ ދުނިޔޭގެ ކާރު އިންޑަސްޓްރީގައި ކުރިއަރާފައެވެ. އިންޓަނޭޝަނަލް އެނާޖީ އޭޖެންސީން ބުނާ ގޮތުގައި 2025 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 20 މިލިއަނަށް ވުރެ ގިނަ އިލެކްޓްރިކް ކާރު ވިކިފައިވެއެވެ.
މުސްތަގުބަލުގައި އިލެކްޓްރިކް ކާރުތައް އަގުހެޔޮވެ، އަވަހަށް ޗާޖުކޮށް، އެއް ޗާޖަކުން ދިގު ރާސްތާއަކަށް ދަތުރު ކުރެވޭނެއެވެ. ޓެކްނޮލޮޖީ ރަނގަޅުވެ، ޗާޖިން ނެޓްވޯކް ފުޅާވަމުން ދާއިރު، ގިނަ ބަޔަކު ޕެޓްރޯލް ބޭނުންކުރާ ކާރުގެ ބަދަލުގައި އިލެކްޓްރިކް ވެހިކަލްތަކަށް ބަދަލުވާން ވިސްނަން ޖެހިދާނެއެވެ. މި ބަދަލުގެ ސަބަބުން މީހުން ދަތުރުކުރާ ގޮތާއި ގައުމުތަކުގައި ހަކަތަ ބޭނުން ކުރާ ގޮތާ މެދު ބޮޑު އަސަރެއް ކުރާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...