ޚަބަރު

އެމްއެމްސީ އިންތިޚާބުގައި ވޯޓު ނުލެވޭނެ މީޑިއާތައް ކަނޑައެޅުމުގެ އުސޫލަށް އިސްލާހެއް ގެނެސްފި

ނުހިންގާ ނޫސްތަކާއި މުވައްސަސާތަކުގެ ނޫސްތަކަށް އެމްއެމްސީ އިންތިޚާބުގައި ވޯޓު ނުލެވޭގޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މެމްބަރުން އިންތިޚާބުކުރާ ގޮތުގެ އުސޫލަށް 1 ވަނަ އިސްލާހު ގެނެސްފި އެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާގޮތުގައި އެ އުސޫލުގެ 13 ވަނަ މާއްދާގެ (ހ) އިސްލާހުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީއެސްއެމްގެ މީޑިއާތައް ފިޔަވައި ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މުވައްސަސާތަކުގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުން ހިމެނެ އެވެ.

މީގެ އިތުރުން މީޑިއާ ކައުންސިލުގެ އިންތިޚާބަށް އިއުލާންކުރާ ތާރީޚުގެ ކުރިއަށް މަދުވެގެން އެއް އަހަރުގެ މުއްދަތަށް ހަމަޖެހިފައިވާ އުސޫލުން ނެރެމުންނުދާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުން ވެސް ހިމެނެ އެވެ. އަދި އިންތިޚާބަށް އިއުލާން ކުރާ ތާރީޚާއި އެ ތާރީޚުގެ ކުރިއަށް ހަ މަސްދުވަހާއި ދެމެދުގެ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުން ނެވެ.

ހޯމް މިނިސްޓްރީން ވިދާޅުވެފައިވަނީ އުސޫލުގެ 13 ވަނަ މާއްދާގެ (ޅ) ވެސް އިސްލާހުކޮށްފައިވާ ކަމަށާއި އެގޮތުން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރާ ފަރާތްހިމެނޭ ވަގުތީ ލިސްޓު އިންތިޚާބު ބާއްވާ ދުވަހުގެ މަދުވެގެން 18 ދުވަސް ކުރިން އިއުލާންކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 24 ގަޑިއިރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އެ އުސޫލުގެ (ކ) އަށް ގެނައި އިސްލާހުގައި ވަނީ ހުށަހަޅާ ޝަކުވާތަކަށް ރިޔާއަތްކުރުމަށްފަހު، އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 15 ދުވަސް ކުރިން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރާ ފަރާތްތައް ހިމެނޭ ދާއިމީ ލިސްޓެއް އިއުލާން ކުރަންވާނެ ކަމަށެވެ.

މީޑިއާ ކައުންސިލުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 25 ދުވަސް ކުރިން އިންތިޚާބުގައި ވޯޓުލާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް އެ މިނިސްޓްރީން އިއުލާން ކުރަންޖެހެއެވެ. މިއަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެމްއެމްސީގެ ދައުރު ހަމަވާނެއެވެ. މިދިޔަ މަހު އެމްއެމްސީގެ އިންތިޙާބަށް އިޢުލާންކޮށް ފަހުންވަނީ ބާތިލުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close