މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހިންގި މާރާމާރީގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި

މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންގެ ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަން ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުންގެ އިދާރާއަށް އެއްވެސް ފަރާތަކުން ރަސްމީކޮށް މައްސަލައެއް ހުށަހަޅާފައެއް ނުވެއެވެ.
ނަމަވެސް، މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހިނގި މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް އަނެއްކާވެސް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުންދާ، އަދި ގައުމީ ސަލާމަތަށްވެސް ނުރައްކާވަމުންދާ މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. މިފަދަ ބައެއް ބިދޭސީން ގްރޫޕް ހަދައިގެން އާންމު ރައްޔިތުން އެއްވެ އުޅޭ ހިތްފަސޭހަ މައިދާންތަކުގައި މާރާމާރީ ހިންގާ، އަމާންކަން ނަގާލުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިފަދަ ކަންކަން ހުއްޓުވުމަށާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކަމާބެހޭ އިދާރާތަކުން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައި، މާލޭގެ އެންމެ މީހުން ގިނަވާ އެއް ސަރަހައްދުގައި މިފަދަ އަމަލުތައް ހިންގަމުންދާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކޮށް، ފިޔަވަޅުތައް ވަރުގަދަކުރުމަށް ގޮވާލަމުންނެވެ.

