ޚަބަރު

މާލޭގެ ބޮޑެތި ސޯޅަ މަގެއްގައި ތާރު އަޅަން އާރުޑީސީއާއި ހަވާލުކޮށްފި

މާލޭ ސިޓީގެ ބޭރުމަގާއެކު ބޮޑު އިތުރު 16 މަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރުޑީސީއާއި ހަވާލުކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މަޝްރޫޢުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރެއްވިއިރު އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ބިޔަ މި މަޝްރޫއުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގެ ބޭރުމަގާއެކު އިތުރު 16 މަގެއްގައި ތާރުއަޅައިގެން ތަރައްގީކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެފައިވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އަޅަން ނިންމާފައިވާ ކަމަށެވެ. މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު އޭރު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަގު ހެދުމުގެ މަސައްކަތުގެ ދަށުން ވަރަށް އަވަހަށް ހެންވޭރުގެ ބައެއް މަގުތައް ގާ އަތުރައިގެން ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް ދޭން ޖެހޭ ހުރިހާ ހުއްދައެއް އާރުޑީސީއަށް މިހާރު ދިފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް އެ މަގުތަކުގެ ތެރޭގައި ބޮޑެތި މަގުތައް ނުހިމަނާ ކަމަށާއި އެއީ ބޮޑެތި މަގުތަކުގައި ތާރު އަޅަން ނިންމާފައިވާތީއެވެ. އެކަމަށްޓަކައި ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ސަަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅާ އޮތް ސަރަހައްދާއި ޖަނަވަރީ މަގާއި ޗާނދަނީ މަގާއި ބުރުޒުމަގާއި އަމީނީ މަގާއި ސޯސަން މަގުގެ އިތުރަށް ދެންވެސް މާލޭގައި ހުރި ބޮޑެތި މަގުތަކުގައި ތާރު އެޅުމަށް ސިޓީކައުންސިލުން ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close