ގައުމެއް ކުރިއަރާދާނީ އެކި ދާއިރާތަކުން ޤާބިލު ހުނަރުވެރި އުފެއްދުންތެރި ޖީލެއް އޮވެގެން – ނައިބުރައީސް
ގައުމެއް ކުރިއަރާދާނީ އެކި ދާއިރާތަކުން ޤާބިލު ހުނަރުވެރި އުފެއްދުންތެރި ޖީލެއް އޮވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މިއަދު ހަވީރު ބޭއްވި ކޯޕަރޭޓް ސްކޯލަރޝިޕް ސްކީމް އިފްޠިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ކޮންމެ ގައުމަކުންވެސް އެކިދާއިރާތަކުން މީހުން ބިނާކުރުމަށް މަސައްކަތްކުރަނީ މިސަބަބަށްޓަކައި ކަން ފާހަގަކުރައްވަމުން ނައިބްރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ދޫކޮށްނުލާ ކޮންމެ މީހަކީވެސް ޤާބިލުމީހަކަށް ހެދުންކަމުގައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ތަރައްޤީގެ ގިނަގުނަ ކަންތައްތަކެއް ރާއްޖޭގައި ކުރަމުން އަންނައިރު ބޭރުމީހުންގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްނުލައި ކަންކަން ރާވައި ހިންގަން މަސައްކަތްކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.
ދިވެހިންނަކީ ހުނަރުވެރި، ފަސޭހައިން ކަންކަން ދަސްކުރާ ބައެއްކަމަށާއި، އެހެންކަމުން ސަރުކާރާއި އަދި އަމިއްލަ ކުންފުނިތަކުންވެސް ދިވެހީންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި ފައިސަލް ނަސީމް ވިދާޅުވިއެވެ.
ނާއިބު ރައީސްގެ ވާހަކަފުޅުގައި މަސައްކަތުގެ މާހައުލުގައި ކަމަށްކަމޭހިތައިގެން ފަރުވާތެރިކަމާއެކު މަސައްކަތް ކުރާ ބަޔަކަށް ވުމަށް ދިވެހި ޒުވާނުންގެ ކިބައި އެދިވަޑައިގެންނެވިއެވެ. އަދި ވަޒީފާގެ ވަގުތު ހެޔޮގޮތުގައި ބޭނުންކޮށް، މަސައްކަތަށް ކަމޭހިތައިގެން ހުނަރުވެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އިސްނަގައިގެން ތަޢާރަފުކުރި ކޯޕަރޭޓް ސްކޯލަރޝިޕް ސްކީމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ކުންފުނިތަކުގެ ވަޒީފާތަކަށް ދާން ބޭނުންވާ ފަރާތްތަކަށް އެކިއެކި ދާއިރާތަކުން މަތީތަޢުލީމު ހާޞިލުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ލިބިދޭ ސްކީމެކެވެ.
މި ސްކީމުގެ ދަށުން ކުންފުނިތަކަށް ބޭނުންވާ އެކިއެކި ދާއިރާތަކުން މަތީތަޢުލީމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިކޮށް ރާއްޖެއާ ރާއްޖެއިން ބޭރުން ފަހިކޮށްދޭނެއެވެ.


