ރާއްޖޭގައި ދެމުންގެންދާ އިންޓަރނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށާއި، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ހެޔޮ ބަދަލު ގެނައުމަށްޓަކާއި އެހެން ޤައުމުތަކާއި ރާއްޖެއާއި ޑިޖިޓަލްކޮށް ގުޅިފައިވާ ގުޅުން ހަރުދަނާ ކުރުމަށްޓަކައި، ސިންގަޕޫރުފަދަ ޤައުމަކުން ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލެއް ގެނައުމަށް ވިސްނަމުންދާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަލީހު ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮކުރުމަށްޓަކާ ރާއްޖެފަދަ ޖަޒީރާ ޤައުމުތަކާއި ކުރިއަރާފައިވާ ޤައުމުތަކުގައި އިންޓަރނެޓުގެ އަގު ހުރި ގޮތް ބެލުމަށް ސަރވޭ ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އެމަސައްކަތް ނިމުމުން ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށާއި ސަރުކާރާއި އާންމުންނަށް ފައިދާވާނެ ގޮތަށް އިންޓަރނެޓްގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު އުރީދޫއާއި ދިރާގުން ވަނީ ދެ ސަބްމެރިން ކޭބަލް ރާއްޖެ ގެނެސްފައެވެ. މީގެތެރެއިން އެއް ކޭބަލަކީ އިންޑިއާއިން ގެނެސްފައިވާ ކޭބަލްއަކަށްވާއިރު އަނެއް ކޭބަލަކާއި ސްރީލަންކާއިން ގެނެސްފައިވާ ކޭބަލެކެވެ.
އިންޓަރނެޓްގެ އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅު ތަކުގެ ތެރެއިން ވަޢުދެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...