ޚަބަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ގައުމީ މަޖިލީހުން ފަސް މެމްބަރުންގެ ކޮމިޓީއެއް ހޮވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދާނެ 5 މެމްބަރުންގެ ކޮމިޓީއެއް މިރޭ ހޮވައިފިއެވެ.

ތާޖުއްދީން ސްކޫލްގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ގައުމީ މަޖިލީހުން ފަސް މެމްބަރުންގެ ކޮމިޓީއެއް ނެގުމެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ މެމްބަރުން އެ ޕާޓީން ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާ ބޮއިކޮޓް ކުރައްވައި މާލަން ދޫކުރައްވައި، ނުކުމެވަޑައިގެންފަހުން 5 މެމްބަރުންގެ ކޮމިޓީ އަށް ވޯޓަށް އަހާފައިވާއިރު، ނަޝީދު ފެކްޝަންގެ މެމްބަރުން ބޭނުންވީ އެ ކޮމިޓީ އަށް އެ ފެކްޝަނުން ދެ ބޭފުޅަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެކްޝަނުން ދެ ބޭފުޅަކު ހިމެނުމަށެވެ. އަދި ދެ ފެކްޝަނުން އެއްބަސްވާ އެއް ނަމެއް އެ ކޮމިޓީ އަށް އައްޔަން ކުރަން ނަޝީދުގެ ފެކްޝަނުން ގައުމީ މަޖިލިހަށް ހުށަހެޅިއެވެ.

ގުޅުންހުރި ލިޔުންތައް

އެކަމަކު، ރައީސް ސޯލިހް ފެކްޝަނުން އެގޮތަކަށް އެއްބަހެއް ނުވިއެވެ. އެ ފެކްޝަނުން ވަނީ ފަސް ނަމެއް ގައުމީ މަޖިލިހަށް ހުށަހަޅައިފައެވެ.

ވޯޓު ގަޑީގައި ވަކިވަކިން ނަންތަކަށް ވޯޓަށް އަހަން ފެނޭތޯ ގައުމީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ވޯޓެއް ނެގިއެވެ. އެކަމަކު، ގައުމީ މަޖިލިހުގެ ތާއީދު އެ ހުށަހެޅުމަށް ލިބިފައެއް ނުވެއެވެ.

އެއާއެކު، ދެން ފެނުނީ ނަޝީދު ފެކްޝަންގެ ބޭފުޅުން ޖަލްސާ ދޫކުރައްވައި ހޯލުން ނުކުމެވަޑައިގެންނެވި ތަނެވެ. އަދި ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ރައީސް ސޯލިހް ފެކްޝަނުން ހުށަހެޅި ފަސް ނަމަށް ވޯޓަށް އަހައި، އެ ނަންތައް ފާސްކޮށްފައެވެ.

އެމްޑީޕީ ޕްރައިމަރީ އަށް ނެގި 5 މެމްބަރުން:

އިބްރާހިމް ވަހީދު – ޑެޕިއުޓީ ޗެއާޕާސަން
އަނަސް އަބްދުއްސައްތާރު – އެމްޑީޕީގެ ތަރުޖަމާނު
އަކްރަމް ކަމާލުއްދީން – މަތިއުތުރު ޕްރޮވިންސްގެ ރައީސް
އަހުމަދު އަބްދުﷲ އަފީފް – އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ ކުރީގެ މުގައްރިރު
މުހައްމަދު އީމާން – ކެނދިކުޅުދޫ ދާއިރާގެ ރައީސް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close