ރައީސްގެ ނޫސް ކޮންފަރެންސް މެދުނުކެނޑި ކުރިއަށްދާނެ: ހީނާ ވަލީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ އުސޫލުގެ މަތިން، ކުރިއަށް އޮތް ހަފުތާތަކުގައި ވެސް އެ ބައްދަލުވުންތައް ގަވާއިދުން ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާރިޗު މަހުން ފެށިގެން އަމަލުކުރަމުންދާ މި އުސޫލުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވީ ނަމަވެސް، ސަރުކާރު ބަންދު ދުވަސްތަކާއި، ރަސްމީ ދަތުރުފުޅުތަކުގެ އިތުރުން ދިމާވާ ބައެއް ޚާއްޞަ ހާލަތްތަކާ ގުޅިގެން ޝެޑިއުލަށް ބަދަލު އަތުވެދާނެކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. މިފަދަ ޒަރޫރީ ހާލަތްތައް ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި މި ބައްދަލުވުންތައް ބޭއްވުމަކީ ސަރުކާރުގެ އަމާޒެކެވެ.
މިހާތަނަށް ތިން ފަހަރެއްގެ މަތިން މި އުސޫލުގެ ދަށުން ނޫސްވެރިންނާ ބައްދަލުކުރައްވާފައިވާއިރު، މިއީ ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ ގުޅޭގޮތުން ނޫސްވެރިން ކުރާ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވުމަށް މަގުފަހިކުރުމަށް ހިންގާ ސިލްސިލާއެކެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ހާމަވެގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.


