ޚަބަރު އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަޤާމުން އިސްތިއުފާ ދެއްވައިފި

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަޤާމުން އިސްތިއުފާ ދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްއެމްޕީއާރސީ ބޮޑުޚިޔާނާތުގެ ލިސްޓްގައި އޭނާގެ އޮތުމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވާ ރައީސް ސޯލިހަށް ޒިޔަތު ފޮނުއްވި ސިޓީގައި އޭނާ އެފަދަ ކަރަޕްޝަންގެ ޢަމަލެއް ނުހިންގަވާ ކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ ދެއްވާފައެވެ. ނަމަވެސް އެލިސްޓްގައި ނަންފުޅު އޮތުމަކީ އިސްތިއުފާ ދެއްވަން ޖެހޭ ފަދަ ކަމެއް ކަމަށް ދެކިވަޑައިގެން ތަހުޒީބު މުޖުތަމަޢުތަކުގައި ކަންކުރާ އުޞޫލުން އިސްތިއުފާ ދެއްވީ ކަމުގައި ސިޓީގައި ވިދާޅުވެފައިވެއެވެ.

ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އެސެޓް ރިކަވަރީ ކޮމިޝަނުގައި ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނެފައިވާ މީހުންގެ ލިސްޓުގައި ނަން އޮތްކަން މިއަދު ހާމަވުމާއި ގުޅިގެން މަގާމުން އިސްތިއުފާ ދެއްވި ފުރަތަމަ ބޭފުޅަކަށް ޒިޔަތު ވަނީ ވެފައެވެ.

ޒިޔަތުގެ އެ ސިޓީގައި އެފަދަ ބޮޑު ތުހުމަތެއް އޭނާ އަށް ކުރެވުމުން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުރުމަކީ އެންމެ އެކަށީގެންވާ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.

ބައެއް މީޑިއާތަކަށް ޒިޔަތު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ 2014ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރުމަށް ނިންމާ އިންތިހާބުގެ ކެމްޕެއިން ހަރަދުތައް ކުރުމަށް އެޕާޓީން ދެ ފަހަރެއްގެ މަތިން ފައިސާ ދިންކަމަށެވެ. ނަމަވެސް އެއީ އެމްއެމްޕީއާރްސީގެ ފައިސާ ކަމެއް އޭނާ އަށް އެއްގޮތަކަށްވެސް އެނގިވަޑައި ނުގަންނަވާ ކަމަށާއި އަދި އޭރު އެފަދަ މައްސަލައެއް ވެސް ފެންމަތި ނުވާ ކަމަށެވެ.

މިހާތަނަށް އެއްވެސް އިދާރާއަކުން އޭނާ އަށް ސުވާލުވެސް ކުރައްވާފައި ނުވާ ކަމަށް ޒިޔަތު ވިދާޅުވެފައިވެއެވެ.

ޓެގް

ޒިޔަތު ބޮޑުޚިޔާނާތް އޮޑިޓަރޖެނެރަލް އެމްއެމްޕީއާރުސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.