ޚަބަރު

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަމޫނާ މަޖިލީހަކަށްވާނެ: އަދުރޭ

ރައްޔިތުން މާޔޫސް ނުވުމަށާއި މިފަހަރުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަމޫނާ މަޖިލީހަކަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ރައީސްކަމަށް ވަޑައިގަންނަވާނެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވާފައެވެ. އަދި އެ ހުށަހެޅުން ވަނީ ޕީޕީއެމް/ޕީއެންސީން ފާސްވެފައެވެ.

“ވަގުތަށް”އިއްޔެ ދެއްވި “އެކްސްކްލޫސިވް އިންޓަވިއުގައި” އަދުރޭ ވިދާޅުވީ މިހާ ބޮޑު މައްސޫލިއްޔަތެއް ހަވާލުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ވަރަށް ބޮޑަށް އިތުބާރު ކުރައްވާތީ ކަމަށެވެ.

އަދި އެ ދެބޭފުޅުންގެ ނަންފުޅު ހުށަހެޅުއްވީ ރައީސް ބޭނުންފުޅުވާ އަމާޒަށް ދެމީހުންނަށް މަސައްކަތް ކުރެއްވޭނެ ކަމުގެ ޔަޤީންކަން ރައީސަށް އޮތުމުން ކަމަށް ޤަބޫލުފުޅު ކުރެއްވޭތީ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ރައީސް އަދުރޭއާ ބައްދަލުކުރައްވާ އެދިވަޑައިގެންނެވީ މިފަހަރުގެ މަޖިލީހަކީ ނަމޫނާ މަޖިލީހަކަށްވުމަށް ކަމަށާއި މަސައްކަތް ބައްޓަން ކުރައްވާނީ ވެސް އެގޮތަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

20 ވަނަ މަޖިލިސް ފެނިގެންދާނީ ތަފާތު މަޖިލީހެއްގެ ގޮތަށް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް މަޖިލިސް ބައްޓަން ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހާއި މެދު ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި މިފަހަރުގެ މަޖިލީހުގެ މައިގަނޑު އަމާޒަކަށްވާނީ ރައްޔިތުންގެ އިތުބާރު ހޯދުންކަން އަދުރޭ ފާހަގަކުރެއްވިއެވެ. އަދި މިހާރު އޮތް ހާލަތުން އަރައިގަތުމަށް ރައީސަށް ފުރިހަމަ އެއްބާރުލުން ދެއްވާ ޤާނޫނުތަކަށް ބަދަލު ކުރުމާއި ޤާނޫނުތައް ފާސްކުރުމާއި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިދިޔަ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުން ވެސް އެތެރޭގެ ހިޔާލުތަފާތުވުންތައް އުފެދި އެމީހުން އިސްކުރީ ރައްޔިތުންގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ކަމަށެވެ. ޕީއެންސީގެ މަޖިލިސް މެމްބަރުންގެ މެދުގައި އެއްވެސް ކަހަލަ ހިޔާލުތަފާތުވުންތަކެއް ނެތް ކަމަށާއި ހުރިހާ މެމްބަރުން ވެސް ތިއްބެވީ އެއް ރޫހެއްގައި އެއް އަޒުމެއްގައި މަސައްކަތް ކުރެއްވުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައްޔިތުން އެބޭފުޅުންނާއި މަތި ކުރެއްވި އަމާނާތް ފޯރުކޮށްދެއްވާނެ ކަމަށާއި އެ މަސައްކަތް ކުރެވޭނެކަމުގެ 100 ޕަސަންޓް ޔަޤީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“މިދިޔަ ސަރުކާރަށް ރައްޔިތުން 65 ގޮނޑި މަޖިލީހުން ދެއްވި އެހެންނަމަވެސް އެބޭފުޅުންގެ ތެރޭގައި އުފެދުނީ ދެކޮޅުވެރިކަން، ދެކޮޅުވެރިކަން އުފެދިގެން އެމްޑީޕީ ދެބައިވީ، އެބޭފުޅުން އިސްކުރެއްވީ ރައްޔިތުންގެ މަސްލަހަތަށްވުރެން އަމިއްލަ މަސްލަހަތު އެހެންވެ ރައްޔިތުން ބޭނުންވާ ނަތީޖާ ނުނެރެވުނީ. އަޅުގަނޑުމެންގެ ތެރޭގައި ނެތް އެކަހަލަ އެއްވެސް ހިޔާލުތަފާތުވުންތަކެއް. އަޅުގަނޑުމެން އެންމެން މިތިބީ ހަމަ އެއްރޫހެއްގައި އެއް ފިކުރެއްގައި. އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް ރައްޔިތުން އަޅުގަނޑުމެންނާއި މަތިކުރި އަމާނާތް ފޯރުކޮށްދެވޭނެކަމަށް، އެ މަސައްކަތް ކުރެވޭނެކަމުގެ 100 ޕަސަންޓް ޔަޤީންކަން އެބައޮތް،”. އަދުރޭ ވިދާޅުވިއެވެ.

އެއް ޕާޓީއަކަށް 80 ވަރަކަށް ގޮނޑި ލިބުނަސް ދެ ބާރު އެއްވާ ކަމެއް ނޫން ކަމަށާއި ޤައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރައްޔިތުން މިހާތަނަށް ދެކެން ބޭނުންވި މަޖިލިސް ނުފެންނަ ކަމަށާއި ނަމަވެސް މިފަހަރު އެކަން ބަދަލުވާނެ ކަމަށް ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ބޭފުޅުންވާ ގޮތަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށާއި އެގޮތަށް މަސައްކަތް ބައްޓަން ކުރައްވާނެ ކަމަށެވެ.

އަހުލާޤީ ގޮތުންނާއި މަސައްކަތުގެ ގޮތުން މިފަހަރުގެ މަޖިލިސް ނަމޫނާ މަޖިލީހަކަށްވާނެކަން އަދުރޭ ވަނީ ތަކުރާރު ކުރައްވާފައެވެ.

އަދުރޭ ވިދާޅުވީ މިފަހަރު އަހުލާޤީ ގޮތުން ވެސް އަދި ނަމޫނާ ދައްކާ ރީތި މަޖިލީހަކަށް މިފަހަރުގެ މަޖިލިސްވާނެ ކަމަށާއި މެމްބަރުން ތިއްބެވީ ރައީސް ބޭނުންފުޅުވާ ރޫހަށް މަޖިލިސް ބައްޓަން ކޮށްދެއްވުމަށް ތައްޔާރަށް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close