
ރައްޔިތުން މަޖިލިހުގެ ސްޕަރ މެޖޯރިޓީއެއް އޮތް އިދިކޮޅު ޕާރޓީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާރޓީ އެމްޑީޕީ އިން މެމްބަރުންތަކެއް ވަކިވެ މިހާރުގެ ވެރިކަން ކުރާ ޕާރޓީ ޕީއެންސީ އާއި ގުޅިވަޑައިގެންފައި ވީ ނަމަވެސް ކުރިއަށް އޮތްތަނުގައި އެމްޑީޕީއަށް މަޖިލިހުގެ މެޖޯރިޓީ ހިފަހައްޓާ ލެވޭނެކަމަށް އެޕާރޓީން ބުނެފިއެވެ.
އެމްޑީޕީ އިން މިފަދައިން ބުނެފައިވަނީ އެޕާރޓީގެ ޕީޖީ ގްރޫޕުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.
ރައްޔިތުން މަޖިލިހުގެ ޢިދާރާގައި ކުރިއަށް ގެންދެވުނު މި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިވަގުތު ވެސް 43 މެމްބަރުން ތިއްބެވުމުން އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައި ކަމަށާއި، އަދި އެ މެމްބަރުން ޕާޓީގައި ބޭތިއްބުމަށް ޕާޓީއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނޭ ކަމަށެވެ. “އަޅުގަނޑުމެންގެ [މަޖިލިސް މެޖޯރިޓީ] އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ހިފަހައްޓާނަން. އަޅުގަނޑުމެންނަކަށް ނުފެނޭ ދެން އިތުރު މެމްބަރަކު ވަކިވެގެންދާ ތަނެއް،” ވަރަށް ޔަޤީންކަމާއިއެކު މެމްބަރ އަލީ ނިޔާޒް ވިދާޅުވި އެވެ.
މެމްބަރ ޢަލީ ނިޔާޒު މިފަދައިން ވިދާޅުވި ނަމަވެސް މިއަދުގެ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިވަނީ އެމްޑީޕީގެ އެންމެ 18 މެމްބަރުންނެވެ. މިކަމާއި ސުވާލު ކުރުމުން ނިޔާޒު ވިދާޅުވީ މިއީ މަޖިލިހާއި އަދި ސްކޫލުތަކުގެ ޗުއްޓީ ދުވަސްވަރުކަމުން ގިނަ މެމްބަރުންތަކެއް ރަށުން ބޭރުގައި ތިއްބެވުމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގެންނެވުނީ ކަމަށެވެ.

