ޚަބަރު ރައީސް މުޢިއްޒު ޖަރުމަނަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި

ރައީސް މުޢިއްޒު ޖަރުމަނަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި

ރައީސް މުޢިއްޒު ޖަރުމަނަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ ރައީސް، ހިޒް އެކްސެލެންސީ ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 އިން 13 އަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ދިގު މުއްދަތެއްގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، މުހިންމު ދާއިރާތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅު ކުރައްވަނީ ދިވެހިރާއްޖެއާ ޖަރުމަނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރާ ދަނޑިވަޅެއްގައެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ބާއްވަވާނެކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ. މީގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސްވެރިންނާވެސް ރައީސް މުޢިއްޒު ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި، އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ޤައުމުގެ މެދުގައި އޮންނަ އިޤްތިޞާދީ ގުޅުން ފުޅާކޮށް، ވިޔަފާރީގެ ދާއިރާއިން އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހޯދުމަށްޓަކައި، ދެ ޤައުމުގެ ވިޔަފާރިވެރިންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވާ ވިޔަފާރި ފޯރަމެއްވެސް މި ދަތުރުފުޅުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ފޯރަމް މެދުވެރިކޮށް، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، އާ ދޮރުތައް ހުޅުވޭނެކަމަށް ބެލެވެއެވެ.

ރައީސް ޑރ. މުޢިއްޒު މި ދަތުރުފުޅުގައި ބެލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި، ދިވެހިރާއްޖެއިން މޫސުމީ ބަދަލުތަކަށް ހޭނިގަތުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަރުމަނުގެ ކައުންސިލް އޮން ފޮރިން ރިލޭޝަންސްއަށް ޒިޔާރަތްކުރައްވައި، ބައިނަލްއަޤްވާމީ ސިޔާސަތުގައި ކަނޑުގެ ދައުރާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ނަޒަރިއްޔާތު ހުށަހަޅުއްވާނެއެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ. 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު ޤާއިމުކުރެވުނު މި ގުޅުންތަކުގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރާ ދަނޑިވަޅެއްގައި ރައީސްގެ މި ދަތުރުފުޅު ކުރެއްވުމަކީ ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.