ބޭރުދުނިޔެ

އިސްރާއީލްގެ ހަމަލާތަކުގައި އެއް އާއިލާއެއްގެ 9 މީހުން ޣައްޒާގައި ޝަހީދު ކޮށްލައިފި

ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އެއް އާއިލާއެއްގެ 9 މީހުން ޣައްޒާގައި ޝަހީދު ކޮށްލައިފިއެވެ.

އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ޣައްޒާގެ މެދުތެރޭގެ ދީރުލް ބަލާހް ގެ ކައިރީގައިވާ ބުރެއިޖީ ރެފިއުޖީ ކޭމްޕަށް އިއްޔެ ދިން ހަމަލާގައި އެ އާއިލާގެ ގެ ވަނީ އެއްކޮށް ބިމާ ހަމަކޮށްލާފައެވެ.

އެ ސަރަހައްދަކީ އިސްރާއީލުގެ އަސްކަރިއްޔާ އިން ހަމަލާ ނުދޭނެ ކަމަށް އިއުލާން ކޮށްފައިވާ “ސޭފް ޒޯން” އެވެ. ނަމަވެސް އަނިޔާވެރިކަމުގައި ހައްދުން ނައްޓާފައިވާ އިސްރާއީލު ސިފައިން ދަނީ ރައްކާތެރި ސަރަހައްދުތައް ކަމަށް އެމީހުން ބުނާ ސަރަހައްދުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.

ދެކުނުގެ ރަފަހް އަށް އިސްރާއީލުގެ އަސްކަރިއްޔާ އިން އެއްގަމު މަގުން އަރާނެ ކަމުގެ އިންޒާރު ދެމުންދާތީ ރަފަހް ގައި ތިބި އެތައް ބަޔަކު މިހާރު ދަނީ ޣައްޒާގެ މެދުތެރޭގެ ސަރަހައްދު ތަކަށް ދަމުންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް ބުނަމުން ދަނީ ރަފަހްގައި ތާށިވެފައި ތިބި ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކަން ހޯދުމަށް ރަފަހް ދޫކޮށް ޣައްޒާގެ މެދުތެރޭގެ ހިސާބުތަކަށް ހިޖުރަ ކުރުމަށެވެ. ނަމަވެސް ޔަހޫދީން ދަނީ އޮޅުވާލައިގެން ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކަށް ވެސް ހަމަލާދީ ކުށެއް ނެތް އެތައްމުސްލިމު އަހުންނާއި އުހުތުން ޝަހީދު ކުރަމުންނެވެ

ދީރުލް ބަލާހް ސަރަހައްދަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ވަރުގަދަ ހަމަލާތަކެއް ދެމުން ދާ ކަމަށް އަލް ޖަރީރާ ނޫހުންވެސް ވަނީ މައުލޫމާތު ދީފައެވެ. އެ ސަރަހައްދުގައި އާންމުން ދިރިއުޅޭ އިމާރާތް ތަކަށް ހަމަލާ ދިނުމުގެ ސަބަބުން ވަރަށް ގިނަ އިމާރާތްތައް ސުންނާފަތި ވެފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މަގުތައް ވެސް މީހުންނަށް ހިނގާބިނގާ ނޫޅެވޭ ވަރަށް އިމާރާތް ތަކުގެ ބައިތަކުން ފުރިފައިވާ މަންޒަރު އެ ނޫހުން ދެއްކި ވީޑިއޯ ފުޓޭޖުން ފެނެއެވެ.

‎އެ ހަމަލަތަކުގައި މިހާތަނަށް ފަލަސްތީނުގެ ގާތްގަނޑަކަށް 31،000ށްވުރެ ގިނަމީހުން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.‎

‎އިސްރާއީލުގެ ހަމަލަތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ގެދޮރު ގެއްލިފައިވާއިރު، ‎‎ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ފަރުވާ ކުރެވޭނެ ގޮތެއް ޣައްޒާގައި މިހާރަކު ނެތެވެ. ޣައްޒާގެ އިންފްރާސްޓްރަކްޗަރގެ 60 ‎‎އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.ން ބުނެއެވެ.‎

‎ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާ ހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކޯޓުން ނެރުނު ‎‎ވަގުތީ ހުކުމެއްގައި ވަނީ، ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޖިނާއީ އަމަލުތައް ‎‎ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވަށް އަންގާފައެވެ.‎

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close