ޣައްޒާއިން މީހުން ބޭލުމުގެ މަސައްކަތް އަދިވެސް އޮތީ ކުރިއަށް ގެންދާގޮތަށް: އިސްރާއީލް

ޣައްޒާއިން މީހުން ބޭލުމުގެ މަސައްކަތް އަދިވެސް އޮތީ ކުރިއަށް ގެންދާގޮތަށް ކަމަށް އިސްރާއީލްގެ އިސްވަޒީރަކު ބުނެފިއެވެ.
އިސްރާއީލުގެ އެނަރޖީ މިނިސްޓަރ އެލީ ކޯހެން ބުނެފައިވަނީ ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް އެހެން ތަންތަނަށް ބަދަލުކުރުމުގެ ޕްލޭން “އަދިވެސް އޮތްކަމަށެވެ. މިކަން އޭނާ އިއުލާންކުރީ އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރަށް ދިން އިންޓަވިއުއެއްގައެވެ.
ކޯހެން ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި “ރުހުމުގައި ބަދަލުވުމުގެ” ޕްލޭން މިހާރުވެސް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ފާއިތުވި ފެބްރުއަރީ މަހުން ފެށިގެން ޓްރަމްޕް ވަނީ ޣައްޒާގައި ދިރިއުޅޭ މީހުން އެހެން ތަންތަނަށް ބަދަލުކޮށް، އެތަން ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް ގޮވާލައިފައެވެ. މި ޕްލޭނަކީ އާބާދީއެއް މުޅިން ނައްތާލުމަށް ކުރާ މަސައްކަތެއްކަމަށް ބުނެ ގިނަ އަރަބި އަދި އެހެނިހެން ޤައުމުތަކުން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ.
ކޯހެން އިތުރަށް ބުނީ މި މައްސަލައާ ގުޅޭ ގޮތުން ދެ ޤައުމަކާ އެކު “އިސް ފެންވަރުގެ މަޝްވަރާތަކެއް” ކުރިއަށްދާ ކަމަށެވެ. އޭގެ ތެރެއިން އެއް ޤައުމަކީ “އިސްލާމީ ޤައުމެއް” ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެ ޤައުމުތަކުގެ ނަން އޭނާ ހާމަކޮށްފައެއް ނުވެއެވެ.
“އަންނަން އޮތް އަހަރުތަކުގައި ޣައްޒާގައި ފާހަގަކޮށްލެވޭ ފަދަ އާރާސްތުކުރުމުގެ މަސައްކަތެއް ކުރިއަށްދާނެ ކަމަކަށް އަހަރެން ނުދެކެން، ރުހުމުގައި ބަދަލުވުމުގެ އޮޕްޝަން ކުރިއަށް ގެންދިއުމަކީ މިހާރު ޣައްޒާގައި އޮތް ހާލަތުން މަޖުބޫރުކުރުވާ ކަމެއް.” ކޯހެންގެ އިންޓަވިއުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ޣައްޒާގައި ހުރި ފަލަސްތީނުގެ ރައްޔިތުންގެ ގެތައް ނައްތާލަމުންދާ ކަމަށް ބުނެފައެވެ. މިއީ ފަލަސްތީނުގެ ރައްޔިތުން އެނބުރި އައުން ހުއްޓުވުމަށާއި އެމީހުން ޣައްޒާއިން ބޭރަށް ދިއުމަށް މަޖުބޫރުކުރުވުމަށް ކުރާ ކަމެއް ކަމަށް އަމިއްލަ އިއުތިރާފުން އޭނާވަނީ އެއްބަސްވެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 52,900 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.



