ފަލަސްތީނު ދައުލަތަކާ ދެކޮޅަށް އިޒްރޭލުން އަޅާނެ ފިޔަވަޅުތަކުގެ އިންޒާރު ދީފި

ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމަށް ބައިނަލްއަގްވާމީ ގޮތުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އިޒްރޭލުން އަމިއްލަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު، އެ ގައުމުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް މިއަދު ދެއްވައިފި އެވެ. ފަލަސްތީނު ދައުލަތް ބަލައިގަތުމަށް ގައުމުތަކުން ނިންމަމުންދާ ނިންމުންތަކަކީ ހެދޭނެ ގޯހެއް ކަމުގައި ސާރް ސިފަކުރެއްވިއިރު، މިކަމުގެ ރައްދުގައި އިޒްރޭލުން ވެސް އަމިއްލަ ނިންމުންތަކެއް ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިންޒާރު ސާރް ދެއްވިއިރު، އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް އަމިއްލަ ތަނެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަމުގެ ރިޕޯޓްތައް ވެސް ވަނީ އާންމުވެފަ އެވެ. ފްރާންސާއި އިނގިރޭސި ވިލާތް ވެސް ހިމެނޭ ގޮތަށް ގިނަ ގައުމުތަކަކުން މިމަހު އދ. ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް އިއުލާނުކޮށްފައި ވާތީ، އިޒްރޭލުން މިހާރު އޮތީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ.
ޚާއްސަކޮށް، ސައޫދީ އަރަބިއްޔާއާ ގުޅިގެން ފަލަސްތީނަށް ދައުލަތެއް އުފެއްދުމުގެ މަސައްކަތާ ގުޅޭ ކޮންފަރެންސެއް ފްރާންސުން ޖުލައި މަހު ބޭއްވުމާ އެކު، ފްރާންސްގެ ބޮޑުވަޒީރު އެމެނުއެލް މެކްރޮންއާ އިޒްރޭލްގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. “ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ބާރުއަޅަމުންދާ ފްރާންސާއި ޔޫކޭ ފަދަ ގައުމުތަކުން ހަދަމުން އެ ދަނީ ވަރަށް ބޮޑު ގޯހެއް،” އިޒްރޭލަށް ވަޑައިގެން އުޅުއްވާ ޑެންމާކުގެ ފޮރިން މިނިސްޓަރު ލާސް ލޮކްކޭ ރަސްމުސެންއާ އެކު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސާރް ވިދާޅުވިއެވެ.
އިޒްރޭލުން އަޅާނެ ވަކި ފިޔަވަޅެއް ސާރް ހާމަނުކުރެއްވިޔަސް، ފަލަސްތީނުގެ ދައުލަތެއް އިއުލާނުކުރުމުން ސަރަހައްދުގައި ހަމަނުޖެހުން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރެސް ކޮންފަރެންސްގައި ޑެންމާކުގެ ފޮރިން މިނިސްޓަރު ލާސް ލޮކްކޭ ރަސްމުސެން ވިދާޅުވީ، އެ ގައުމުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާފައި ނުވާ ކަމަށެވެ. “ހަމާސް ނުވަތަ ޓެރަރިސްޓު އެހެން ޖަމާއަތެއް ވެރިކަންކުރާ ފަލަސްތީނުގެ ދައުލަތެއް އަހަރެމެން ދުވަހަކު ވެސް ބަލައެއް ނުގަންނާނަން،” ރަސްމުސެން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ ދައުލަތެއް ބަލައިގަނެވޭނީ އެއީ ހަތިޔާރެއް ނެތް، ހާމަކަން ބޮޑު، ޑިމޮކްރެސީއެއް އޮތް ދައުލަތަކަށް ވެގެން ކަމުގައެވެ.



