ބޭރުދުނިޔެ

ޓައިވާނަށް 385 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާއިން ހުއްދަދީފި

އެމެރިކާ ސަރުކާރުން ޓައިވާނަށް 385 މިލިއަން ޑޮލަރުގެ އައު ހަތިޔާރު ވިއްކުމަށް ހުއްދަ ދީފިއެވެ. މި ކަމާ ގުޅިގެން ޗައިނާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެމެރިކާއިން ބުނީ މިއީ ދެ ޤައުމުގެ ސިފައިންގެ ގުޅުން ބަދަހިވަމުންދާކަމުގެ އިތުރު ހެއްކެއް ކަމަށެވެ.

އެމެރިކާގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އޭޖެންސީ (ޑީއެސްސީއޭ) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަތިޔާރުތަކުގެ ތެރޭގައި ފައިޓަރ ޖެޓްތަކާއި ރާޑާ ސިސްޓަމްތަކުގެ ސްޕެއަރ ޕާޓްސް ހިމެނޭ ކަމަށެވެ. އަދި މި ތަކެތި ޓައިވާނަށް ފޯރުކޮށްދޭން ފަށާނީ 2025 ވަނަ އަހަރު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ވިއްކުން ފާސްކޮށްފައިވަނީ ޓައިވާނުގެ އެފް-16 ފްލީޓް “މިހާރުގެ އަދި ކުރިމަގުގެ ނުރައްކާތަކާ ކުރިމަތިލުމަށް ތައްޔާރުވެ ތިބުމަށް” ކަމަށް ޑީއެސްސީއޭ އިން ބުނެފައިވެއެވެ.
މި ޚަބަރު ފެތުރުނީ ޓައިވާނުގެ ރައީސް ވިލިއަމް ލައި ޗިންގް-ޓެ ޕެސިފިކް ސަރަޙައްދަށް ދަތުރެއް ފެށި ދުވަހުއެވެ. މި ދަތުރުގައި އޭނާ އެމެރިކާގެ ހަވާއީ އަދި ގުއާމްގައި މަޑުކުރާނެ ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން ޗައިނާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޗައިނާއިން ޓައިވާން ދެކެނީ އެ ޤައުމުގެ ބައެއްގެ ގޮތުގައެވެ. އަދި ބާރުގެ ބޭނުންކޮށްގެން ނަމަވެސް ޓައިވާން އަނބުރާ ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ޗައިނާއިން ބުނެއެވެ. އެހެންކަމުން އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުމާމެދު ޗައިނާއިން އަބަދުވެސް ދެކޮޅު ހަދައެވެ.
ޓައިވާނުގެ ރައީސް ދަތުރަށް ފުރުމުގެ ކުރިން ދެއްކި ވާހަކައެއްގައި ބުނެފައިވަނީ މި ދަތުރަކީ “ޑިމޮކްރަސީގެ އައު ޒަމާނެއްގެ ފެށުން” ކަމަށެވެ. އަދި އޭނާގެ ދަތުރު އޮމާންކޮށް ކުރިއަށް ގެންދިއުމަށް އެހީތެރިވި ކަމަށްޓަކައި އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރިއެވެ.
ނަމަވެސް، ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޓައިވާނުގެ ވެރިން އެމެރިކާއަށް ދިއުމާމެދު އެ ޤައުމުން ދެކޮޅު ހަދާ ކަމަށެވެ. އެމެރިކާއާއި ޓައިވާނާ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ނެތް ނަމަވެސް، އެމެރިކާއަކީ ޓައިވާނަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ އަދި އެންމެ ބޮޑަށް އެހީތެރިވާ ޤައުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close