އެއްވެސް ގައުމަކަށް އެމެރިކާ ނުހުއްޓުވެނީ ކީއްވެ؟

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގެ ބާރުތަކުގެ ތަރުތީބަށް އައި ބޮޑު ބަދަލާއެކު، އެމެރިކާ ވަނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ބާރުގެ މަގާމު ކަށަވަރުކޮށްފައެވެ. ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔުމަށްފަހު، ދުނިޔޭގެ ސިޔާސީ އަދި އިޤްތިޞާދީ މަސްރަހު ބައްޓަންކުރުމުގައި އެމެރިކާގެ ބަަހަކީ އެންމެ ފަހު ބަސް ކަމުގައި ވެފައިވާއިރު، އެހެން އެއްވެސް ގައުމަކަށް އެމެރިކާގެ ނިންމުންތައް ހުއްޓުވުމަށް ނުވަތަ ބަދަލުކުރުމަށް ވަނީ ނުކުޅެދިފައެވެ. މިއީ ހަމައެކަނި ނަސީބަކުން ލިބުނު ބާރެއް ނޫނެވެ. އެއީ އެތައް އަހަރެއްގެ ތެރޭގައި އެމީހުން ބިނާކުރި އަސްކަރީ، އިޤްތިޞާދީ އަދި ގާނޫނީ އޮނިގަނޑުތަކުގެ ނަތީޖާއެވެ.
އެމެރިކާ ނުހުއްޓުވޭ އެންމެ ފާޅުކަން ބޮޑު ސަބަބަކީ އެ ގައުމުގެ އާދަޔާ ޚިލާފު އަސްކަރީ ގާބިލުކަމެވެ. އެމެރިކާގެ އަސްކަރީ ބަޖެޓަކީ ދުނިޔޭގެ ބޮޑެތި އެހެން ދިހަ ގައުމެއްގެ އަސްކަރީ ބަޖެޓު އެއްކޮށްލުމުން ލިބޭ މިންވަރަށްވުރެ ވެސް ބޮޑު އަދަދެކެވެ. މީގެ އިތުރުން ދުނިޔޭގެ އަށްޑިހައަށްވުރެ ގިނަ ގައުމުގައި އެމެރިކާގެ ހަތްސަތޭކައަށްވުރެ ގިނަ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވުމަކީ، ދުނިޔޭގެ ކޮންމެ ކޮޅެއްގައި ހިނގާ ކަމަކަށް ވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި ވަދެގަތުމުގެ ފުރުސަތު އެމީހުންނަށް ލިބިގެންދާ ކަމެކެވެ. މި ވަރުގަދަ އަސްކަރީ ބާރުގެ ސަބަބުން، ކިތަންމެ ވަރުގަދަ ގައުމަކުން ވެސް އެމެރިކާއާ ސީދާ ކުރިމަތިލުމަކަށް ދާން ޖެހިލުންވެއެވެ.
އިޤްތިޞާދީ ގޮތުން ބަލާއިރު، އެމެރިކާގެ ޑޮލަރަކީ ދުނިޔޭގެ މައި ރިޒާވް ކަރަންސީއަށް ވުމަކީ އެމީހުންނަށް ލިބިފައިވާ އެންމެ ބޮޑު އެއް “ހަތިޔާރެވެ”. ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި ބައިނަލްއަޤްވާމީ ގިނަ މުޢާމަލާތްތައް ހިނގަނީ ޑޮލަރުން ކަމަށްވާތީ، އެމެރިކާއާ ދެކޮޅުވާ ގައުމުތައް ބައިނަލްއަޤްވާމީ ބޭންކިންގ ނިޒާމުން ބޭރުކޮށްލުމުގެ ބާރު އެމެރިކާއަށް އޮވެއެވެ. މިގޮތުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކޮންމެ ގައުމެއްގެ އިޤްތިޞާދު ވެސް އިނދަޖައްސާލުމުގެ ގާބިލުކަން އެމެރިކާއަށް ލިބިގެންވެއެވެ. މީގެ އިތުރުން އައި.އެމް.އެފް އާއި ވޯލްޑް ބޭންކް ފަދަ މުއައްސަސާތަކުގެ މައްޗަށް އެމެރިކާގެ ނުފޫޒު އިންތިހާއަށް އޮތުމަކީ އެހެން ގައުމުތަކުން އެމެރިކާއަށް ބަރޯސާވާން ޖެހޭ މައިގަނޑު ސަބަބެކެވެ.
އެމެރިކާއިން ބައިނަލްއަޤްވާމީ ގާނޫނުތަކާއި ޗާޓަރުތަކާ ޚިލާފަށް ކުރާ ކަންކަމަށް ފިޔަވަޅު ނޭޅުމަކީ ވެސް އެމީހުންގެ ބާރު ދެމިއޮތް ސަބަބެކެވެ. މިސާލަކަށް 2003 ވަނަ އަހަރު އދ. ގެ ސަލާމަތީ މަޖިލީހުގެ ހުއްދަނެތި އިރާގަށް އެރި ހާދިސާއަކީ ބައިނަލްއަޤްވާމީ ޗާޓަރާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. ނަމަވެސް އެމެރިކާއަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރަކަށްވެފައި، “ވީޓޯ” ކުރުމުގެ ބާރު އޮތުމުން، އެމީހުންނާ ދެކޮޅަށް ހުށަހެޅޭ ކޮންމެ ގަރާރެއް ބޭކާރުކޮށްލެވެއެވެ. މީގެ ސަބަބުން ދުނިޔޭގެ ގާނޫނީ ނިޒާމު އޮންނަނީ އެމެރިކާ ބޭނުންވާ ގޮތަކަށް ކުޅުމަށް ދޫކޮށްލެވިފައެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ ކުށްތަކާބެހޭ ކޯޓު (ICC) ފަދަ މުއައްސަސާތަކުގެ އިޚްތިޞާޞް އެމެރިކާއިން ގަބޫލެއް ނުކުރެއެވެ. މީގެ މާނައަކީ އެމެރިކާގެ ސިފައިން ނުވަތަ ވެރިން ހިންގާ ހަނގުރާމަވެރި ޖަރީމާތަކަށް ބައިނަލްއަޤްވާމީ އެއްވެސް ކޯޓަކުން ފިޔަވަޅު ނޭޅޭނެ ކަމެވެ. މިފަދަ ގާނޫނީ ރައްކާތެރިކަމެއް އެހެން އެއްވެސް ގައުމަކަށް ލިބިފައި ނުވާއިރު، އެމެރިކާގެ ބައިވެރިން ކަމަށްވާ އިސްރާއީލު ފަދަ ގައުމުތަކުން ހިންގާ ލާއިންސާނީ އަމަލުތަކަށް ވެސް އެމެރިކާގެ ވީޓޯ ބާރު ބޭނުންކޮށްގެން ހިމާޔަތް ހޯދައިދެއެވެ.
ޓެކްނޮލޮޖީއާއި މީޑިއާގެ ދާއިރާގައި އެމެރިކާގެ އޮތް ބާރަކީ ވެސް އެމީހުން ހުއްޓުވުމަށް އޮތް ހުރަހެކެވެ. ދުނިޔޭގެ މީހުން މައުލޫމާތު ހޯދާ މައިގަނޑު ވަސީލަތްތައް ކަމަށްވާ ގޫގުލް، ފޭސްބުކް އަދި އެކްސް ފަދަ ޕްލެޓްފޯމްތަކަކީ އެމެރިކާގެ ކުންފުނިތަކެވެ. މި ވަސީލަތްތައް މެދުވެރިކޮށް ދުނިޔޭގެ ރައުޔު ބައްޓަންކުރުމާއި، އެމެރިކާއަށް ފައިދާވާ ގޮތަށް މައުލޫމާތު ފެތުރުމުގެ ފުރުސަތު އެމީހުންނަށް އޮވެއެވެ. މީގެ ސަބަބުން އެމެރިކާގެ ސިޔާސީ މަގްސަދުތައް ހާސިލުކުރުމަށް ބޭނުންވާ ފިކުރީ ތާއީދު ދުނިޔޭގެ ފެންވަރުގައި އުފައްދައެވެ.
އެމެރިކާގެ ނުފޫޒު ވަރުގަދަވާ އަނެއް ސަބަބަކީ އެމީހުން އުފައްދާފައިވާ އަސްކަރީ އަދި ސިޔާސީ އިއްތިހާދުތަކެވެ. ނޭޓޯ (NATO) ފަދަ އިއްތިހާދުތަކުގެ ސަބަބުން، ޔޫރަޕްގެ ގިނަ ގައުމުތަކަކީ އެމެރިކާގެ ރައްކާތެރިކަމަށް ބަރޯސާވާ ގައުމުތަކަކަށް ވަނީ ވެފައެވެ. އެހެންކަމުން، އެމެރިކާގެ އަމަލުތަކާ ދެކޮޅަށް ތެދުވުމަކީ މި ގައުމުތަކުގެ އަމިއްލަ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އެގައުމުތަކުން ދެކެއެވެ. މި ގުޅުންތަކުގެ ސަބަބުން އެމެރިކާ ކުރާ ކޮންމެ ކަމެއްގައި ބައިވެރިވާނެ ގިނަ ގައުމުތަކެއް އަބަދުވެސް ތައްޔާރަށް ތިބެއެވެ.
ޚުލާސާކޮށް ބުނާނަމަ، އެމެރިކާ ނުހުއްޓުވެނީ އެމީހުންނަކީ ދުނިޔޭގެ މިހާރުގެ ނިޒާމު ފަރުމާކުރި ފަރާތް ކަމަށް ވެފައި، އެ ނިޒާމުގެ ހުރިހާ ތަޅުދަނޑިތަކެއް އެމީހުންގެ އަތުގައި އޮތީމައެވެ. އަސްކަރީ ގޮތުން ކުރިމަތިލުމަކީ އެހެން ގައުމުތަކަށް އަމިއްލައަށް ފަނާވުން ކަމަށްވާއިރު، އިޤްތިޞާދީ ގޮތުން ދެކޮޅުވެރިވުމަކީ މުޅި ގައުމު ބަނޑަށް ޖެހުން ފަދަ ކަމެކެވެ. އެހެންކަމުން، ދުނިޔޭގެ ބާރުގެ ބެލެންސްއަށް ބޮޑު ބަދަލެއް ނާންނަނީސް، އެމެރިކާގެ ބާރުތައް ހިފެހެއްޓޭނެ ފަދަ ނިޒާމެއް ދުނިޔޭގައި އުފެދުމަކީ ދުރު ކަމެކެވެ.



