ބޭރުދުނިޔެ

ލާރިޖާނީ އަވަހާރަކޮށްލި “ގާތިލުން” ގެ ކިބައިން ބަދަލުހިފާނަން: އީރާނުގެ ސުޕްރީމް ލީޑަރު

އީރާނުގެ ސަލާމަތީ ކަންކަމާބެހޭ އިސް އޮފިޝަލް އަލީ ލާރިޖާނީ އަވަހާރަކޮށްލުމުގެ ފަހަތުގައިވާ ” ގާތިލުން” އޭގެ އަގު ވަރަށް އަވަހަށް ދައްކަން ޖެހޭނެ ކަމަށް އީރާނުގެ އާ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ ބުދަ ދުވަހު އިންޒާރު ދެއްވައިފިއެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ލާރިޖާނީ އާއި، އޭނާގެ ދަރިކަލުންގެ އިތުރުން އެކުގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން އަވަހާރަކޮށްލި ޚަބަރު އެއްސެވީ “ފުން ހިތާމަޔާއެކު” ކަމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި އާންމުކުރެއްވި ބަޔާނެއްގައި ޚާމަނާއީ ވިދާޅުވިއެވެ.

ލާރިޖާނީ ސިފަކުރައްވަމުން ޚާމަނާއީ ވިދާޅުވީ އޭނާއަކީ “ޢިލްމާއި، ވިސްނުންތެރިކަމާއި އަދި ޙިކުމަތްތެރިކަމުގެ ވެރިއެއް” ކަމަށެވެ. އަދި ފާއިތުވި ފަސްދިހަ ވަރަކަށް އަހަރު ސިޔާސީ، އަސްކަރީ، ސަލާމަތީ، ސަގާފީ އަދި އިދާރީ ދާއިރާތަކަށް ކޮށްދެއްވި ޚިދުމަތްތަކުގެ ސަބަބުން އޭނާ ވެފައިވަނީ ވަރަށް މުހިންމު ޝަޚުޞިއްޔަތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

ލާރިޖާނީ އަވަހާރަކޮށްލުމަކީ އޭނާގެ މުހިންމުކަމާއި، އިސްލާމްދީނުގެ ދުޝްމަނުން އޭނާއާމެދު ހިތްތަކުގައި ލައިގެންގުޅޭ ޢަދާވާތްތެރިކަން ހާމަކޮށްދޭ ކަމެއްކަން ފާހަގަކުރައްވައި ޚާމަނާއީ އިންޒާރު ދެއްވީ “މިފަދަ ބޭފުޅުންގެ ލޭ އޮހޮރުވާލުމަކީ… [އެމީހުން] އިތުރަށް ވަރުގަދަވާނެ ކަމެއް” ކަމަށެވެ. އަދި އޮހޮރިގެންދާ ކޮންމެ ލޭތިއްކަކަށް އޭގެ ބަދަލު ލިބޭނެކަމަށާއި، މި ޝަހީދުން މަރާލި “ޖާނީ ގާތިލުން އޭގެ އަގު ވަރަށް އަވަހަށް ދައްކަން ޖެހޭނެ” ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ލާރިޖާނީ އަވަހާރަކޮށްލާފައިވަނީ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި ލާރިޖާނީގެ ދަރިކަލުން މުރުތަޟާ އާއި، އެހީތެރިޔާ އަލީރިޒާ ބަޔާތުގެ އިތުރުން ކައުންސިލްގެ ބައެއް މުވައްޒަފުންނާއި ހަށިފާރަވެރިން ވަނީ ޝަހީދުވެފައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބެންޖަމިން ނަތަންޔާހޫ އަމުރުކޮށްގެން، އެމެރިކާއާއި އިސްރާއީލުގެ ސިފައިން ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 1،300 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. މީގެ ތެރޭގައި އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު ޢަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވައެވެ.

އެމެރިކާއާއި އިސްރާއީލުން ހިންގަމުންދާ މި ޖަރީމާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ދަނީ އިސްރާއީލުގެ އިތުރުން އުރުދުންއާއި، އިރާގާއި އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު މަރުވެ، އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން، ދުނިޔޭގެ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close