ޚަބަރު

ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިޞްލާޙާއެކު ކައުންސިލްތަކުގެ ބާރުތައް ހަނިވެގެންދާނެ ކަމުގެ ކަންބޮޑުވުން މަޖިލީހުގައި ފާޅުކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން، ލާމަރުކަޒީ ނިޒާމުގެ އަސާސްތައް ފުނޑުފުނޑުވެ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް އެއްކޮށް ހަނިވެގެންދާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކަންބޮޑުވުން ފާޅުކުރައްވާފިއެވެ.

މަޖިލީހަށް ހުށަހެޅިފައިވާ މި ބިލަށް ބަހުސްކުރައްވަމުން މައުރޫފް ވިދާޅުވީ، ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް، މި ބަދަލާއެކު ކައުންސިލްތަކަށް ދެން ކުރެވޭނެ ހަމައެކަނި ކަމަކީ އުފަންވާ މީހުންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން އެކަނި ކަމަށެވެ.

މި އިޞްލާޙާ ދެކޮޅަށް އެތައް ސަތޭކަ ރައްޔިތުންގެ ސޮޔާއެކު މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން، ސީދާ ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ބާރުތައް ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށާއި ސަރުކާރުގެ މަރުކަޒީ އިދާރާތަކަށް އެއްކޮށްލުމަކީ ލާމަރުކަޒީ ނިޒާމު އެކީ ބަލިކަށިވެގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މިފަދަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅި މި ބިލު މަޖިލީހުން މިއަދު ވަނީ 55 މެންބަރުންގެ އަޣުލަބިއްޔަތުން ބަލައިގަންނަވާފައެވެ.

މި ބިލާ ދެކޮޅަށް 8 މެންބަރުން ވޯޓު ދެއްވާފައިވާއިރު، މަޖިލީހުން ބިލު ބަލައިގަތުމާ ގުޅިގެން އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close