- މުޅި ފިއެސްޓާރގެ އެންމެމޮޅު ކުޅުންތެރިޔާ - ޢަބުދުﷲ ޝިޒާން (އައްކޮ)
- ލެވަލް – 3 ގެ އެންމެމޮޅު ކުޅުންތެރިޔާ - މުހައްމަދު އުލްވާން (އުއްލޭ)
- ލެވެލް – 1 ގެ އެންމެމޮޅު ކުޅުންތެރިން – ޖައިޝް އަދި ޝާއިލް
ލަންދޫގައި ރަޖިސްޓްރީކޮށްގެން ކުރިއަށް ގެންދާ ޔޫޓުޖޭ އެކަޑަމީގެ ފަރާތުން ނ.ލަންދޫގައި މިހާރު ކުރިއަށްގެންދާ ” ޔޫޓުޖޭ ފިއެސްޓާރ 2019 ” ގެ ފުޓްބޯޅައިގެ އިވެންޓް އިއްޔެ ނިމިގެން ގޮސްފައިވާއިރު އުންމީދީ ހުނަރުވެރި އެތަށް އެތަށް ކުޅުންތެރިންނެތް ފެނިގެން ގޮސްފައިވެއެވެ. ތިން ޢުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު ފުޓްބޯޅައިގެ އިވެންޓްގެ ނިމުން އިއްޔެ ފާހަގަ ކުރެވިގެން ދިޔައިރު އެންމެ ބޮޑު ހައިރާން ކަމެއް ލިބިގެން ދިޔައީ ލެވަލް 2 ގެ ދަރިވަރަކު މުޅި ފިއެސްޓާރގެ އެންމެ މޮޅުކުޅުންތެރިއަކަށް (ކިންގް އޮފް ދަ ފިއެސްޓާރ 2019 ) ހޮވިގެން ދިއުމެވެ. މި ފިއެސްޓާއިން އެންމެ އުންމީދީ އެންމެ ރަނގަޅު ކުޅުންތެރިންގެ ގޮތުގައި ފާހަގަ ކުރެވިގެން ގޮސްފައި ވަނީވެސް މިހާތަނަށް ލަންދޫގައި ބޭއްވުނު ގިނަ މުބާރާތްތަކުން ވިދާލައިފައިވާ ލަންދޫގެ ފުޓްބޯޅައިގެ މުސްތަޤްބަލްގެ ތަރިންނަށް ވާންތިބި ހުނަރުވެރި ކުޅުންތެރިންނެވެ.
މުޅި ފިއެސްޓާރގެ އެންމެމޮޅު ކުޅުންތެރިޔާ – ޢަބުދުﷲ ޝިޒާން (އައްކޮ)

ލަންދޫ ސްކޫލުގެ ގްރޭޑް – 5 ގައި ތަޢުލީމު ހާސިލްކުރަމުން އަންނަ އައްކޮ ފާހަގަ ކުރެވިފައިވަނީ ހަށިގަނޑުގެ ގޮތުން ކުޑަނަމަވެސް ފުޓްބޯޅައިގެ ހުނަރު ލިބިފައިވާ ލަންދޫގެ ފުޓްބޯޅައިގެ މުސަތްޤްބަލު އުޖާލާކޮށް ލަންދޫއަށް ރީތި ނަމާއި ޝަރަފް ހޯދައިދޭނެ ކުޅުންތެރިއެއްގެ ގޮތުގައިއެވެ. އެންމެ ކުޑައިރުންފެށިގެންވެސް މޮޅަށް ފުޓްބޯޅަ ކުޅެމުން އަންނަ އައްކޮއަކީ ވާތުފައިން ކުޅެމުން އަންނަ އެ އުމުރުފުރައިގެ ކުދިންނާއި އަޅާބަލާއިރު ފުޓްބޯޅައިގެ ހުރިހާ ހުނަރެއްވެސް ލިބިފައިވާ ކުޅުންތެރިއެކެވެ. ހާއްޞަގޮތެއްގައި ކޮއްޓުމާއި ނެއްޓުމުގެ އިތުރުން ބޯޅަގައި ބާރަށް ޖަހާޖެހުމަކީ ގިނަބަޔަކު ފާހަގަކުރާކަމެކެވެ.

ޔޫޓުޖޭގެ ފަރާތުން އެންމެ ފުރަތަމަ ބޭރު ރަށަކަށް ދައުވަތު ދީގެން ބޭއްވުނު އެންމެ ފުރަތަމަ ފުޓްބޯޅަ މެޗުގައި ހޮޅުދޫގެ މޫސައެކަޑަމީ އާއި ދެމެދު ކުޅެވުނު މެޗުވެސް ޔޫޓުޖޭގެ ޓީމަށް ކާމިޔާބު ކޮށްދިނުމުގައި އައްކޮގެ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ. މިފަހަރުގެ ފިއެސްޓާގައި އަދި މީގެ ކުރިން ބޭއްވުނު ފުޓްބޯޅަ މުބާރާތަކުގައިވެސް އައްކޮގެ ފަރާތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޓީމު މޮޅުކުރުމަށް ކުރާ ހިތްވަރާއި ޓީމުގެ އެހެން ކުޅުންތެރިން ލައްވާ ކުޅުވުމަށް ކުރާ މަސައްކަތެވެ.
ލެވަލް – 3 ގެ އެންމެމޮޅު ކުޅުންތެރިޔާ – މުހައްމަދު އުލްވާން (އުއްލޭ)

ޔޫޓުޖޭ ފިއެސްޓާރގެ ފުޓްބޯޅައިގެ އިވެންޓް ފެށިއިރު ގިނަބަޔަކު ހީކޮށްގެން ތިބީ މި ފިއެސްޓާރގެ އެންމެ މޮޅު ކުޅުންތެރިއަކަށް އުލްވާން ހޮވިގެންދާނެކަމަށެވެ. ނަމަވެސް ފިއެސްޓާގައި އުލްވާންގެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އޭނާއަށް ރަނގަޅު ކުޅުމެއް ނުދެއްކުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އުލްވާނުގެ ރެޑްޓީމު ޕްރެޝަރަށް ވެއްޓި ފައިނަލުން ޖާގައެއް ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުމެވެ. ފުރަތަމަ މެޗުން ބަލިވި ބަލިވުމުގެ ބަދަލުހިފާ އުލްވާންވަނީ ޖެހިގެން އައިމެޗުގައި އޭނާގެ ފުޓްބޯޅައިގެ އާދަޔާޚިޔާލާފް ހުނަރުދައްކާ ބުލޫ ޓީމުކޮޅަށް 7 ގޯލްޖަހާފައެވެ. މި ހަތްގޯލުގެ ތެރެއިން 3 ގޯލްޖަހާ އުލްވާން ވަނީ ހެޓްރިކް ހަދާފައެވެ.
ފައިނަލްގައި އުލްވާންގެ ރެޑްޓީމު ބަލިވިނަމަވެސް މުޅި މުބާރާތުގައި އުލްވާންވަނީ މޮޅު ކުޅުމެއްދައްކާ ލަންދޫގެ ފުޓްބޯޅައިގެ މުސްތަޤްބަލްގެ ތަރިއަކަށް ވާނެކަން ސާބިތު ކޮށްދީފައެވެ.
ލެވަލް – 1 ގެ އެންމެމޮޅު ކުޅުންތެރިން – ޖައިޝް އަދި ޝާއިލް

ޔޫޓުޖޭ ފިއެސްޓާރ ފުޓްބޯޅަ އިވެންޓްގެ އެންމެ ފޯރިގަދަ ބައެއްގެ ގޮތުގައި ފާހަގަ ވެގެން ދިޔައީ އެންމެ ތުއްތު ކުދިންގެ ބައެވެ. މިބައިގައި އެންމެ ފާހަގަކުރެވުނު ކަމަކީ އެންމެ ތުއްތު ކުދިންގެ ތެރޭގައިވެސް ފުޓްބޯޅައިގެ ސްކިލް ހުރިކަމެވެ. އަދި ޔޫޓުޖޭގެ ފަރާތުން އެންމެ ތުއްތު ކުދިންނަށްވެސް ފުޓްބޯޅައިގެ ހުނަރުތަކެއް ދަސްކޮށްދީފައިވަކަމެވެ. މީގެ ތެރެއިންވެސް ޖައިސް ބިންތު ހުސެއިން ޖަވާދު ( ޖައިސް ) އާއި އަޙްމަދު ސާއިލް ޞަލާޙް (ސާއިލް)ގެ ކުޅުން ވަރަށްބޮޑަށް ފާހަގަ ކުރެވިގެން ދިއައެވެ. ހާއްޞަގޮތެއްގައި މި ދެކުދިންގެ ފަރާތުން މި ޢުމުރުގެ ކުދިންނާއި ބަލާއިރު ހުރިހާ ގޮތަކުންވެސް ހުނަރުވެރި މޮޅުކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

އުންމީދީ އެތަށް ކުޅުންތެރިންތަކެއް ފެނިގެންދިޔަ

ލަންދޫގެ ފުޓްބޯޅައިގެ މުސްތަޤްބަލް ބިނާކުރުމުގެ ޒިންމާ ކޮޑުޅައިގެން ޔޫޓުޖޭ އާއިގެން ކުރިއަށްދާ ޔޫޓުޖޭގެ ދެ ފައުންޑަރ މެމްބަރުންކަމަށްވާ ޔޫސުފް ޢަބުދުއްރަޙީމް (ޔޫއްޓޭ) އާއި ހުސެއިން ޖަވާދު (ޖަވާ) ގެ މަސައްކަތުން ޔޫޓުޖޭ އަށް މިވީކުރު މުއްދަތުގައި (1އަހަރު ދުވަހުގެ ތެރޭގައި) ލަންދޫގެ ފުޓްބޯޅައިގެ މުސްތަޤްބަލަށްޓަކައި ހުނަރުވެރި ކުޅުންތެރިންތަކެއް ފެންނަން ފަށަފައިވާކަން ނިމިދިޔަ ޔޫޓުޖޭގެ އެންމެ ފުރަތަމަ ފިއެސްޓާރ ފުޓްބޯޅަ އިވެންޓުން ފެނިގެން ގޮސްފައިވާކަން ގިނަ ބެލެނިވެރިން ފާހަގަކުރަނީ އުފަލާއި ޝުކުރުވެރިކަމާއި އެކުގައެވެ.




ޔޫޓޫޖޭ ފިއެސްޓާ އަކީ ޤައުމީ ލެވެލްގެ ފިއެސްޓާއެއް މިއީ ދެކެން ބޭނުންވާ މަންޒަރަކީ ސާބަސް ޔޫޓޫޖޭ އެކަޑެމީ