ކުޅިވަރު

ޗެލްސީ ބަލިކޮށް ލީގު ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދައިފި

ރޭ ކުޅުނު އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް ލިވަޕޫލުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީގެ މައްޗަށް ލިވަޕޫލުން ކުރިހޯދީ 10-11 ގެ ނަތީޖާއަކުންނެވެ.

ލީގުގެ ކަޕްގެ ތަށި ލިވަޕޫލުން އުފުލާލުމާއެކު އެޓީމު ވެގެންގޮސްފައިވަނީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމަށެވެ. ލިވަޕޫލުން ވަނީ މިރޭ މި ލިބުނު ތައްޓާއެކު މި މުބާރާތް 9 ފަހަރު ކާމިޔާބުކޮށްފައެވެ. ދެން އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީންނެވެ. އެޓީމުން ވަނީ 8 ފަހަރު ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި ފައިނަލް މެޗުގެ 90 މިނެޓު ހަމަވެގެން ދިޔައިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް ދެ ޓީމުންވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސްކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލްގެ ވެން ޑައިކް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުން ޗެލްސީގެ ކައި ހަވާޓްޒް ޖެހި ލަނޑެއްވެސް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެ ހާފުގައި ޗެލްސީގެ ރޮމެލޫ ލުކާކޫ އާއި ހަވާޓްޒް ޖެހި ލަނޑުތަކެއްވެސް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

އެންމެ ފަހުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ލިވަޕޫލުން ޖެހި 11 ޕެނަލްޓީ ކާމިޔާބުކުރި އިރު، ޗެލްސީގެ 11 ވަނަ ޕެނަލްޓީ ކީޕަރ ކެޕާ އަތުން ވަނީ ކާމިޔާބުކުރެވޭގޮތް ނުވެފައެވެ. ކެޕާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މިއީ 2012 ވަނަ އަހަރުގެ ފަހުން ލިވަޕޫލުން ލީގު ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close