ކުޅިވަރު

ރަތްކާޑުގެ ތާރީޚީ ރެކޯޑަކާއެކު، މެކްސިކޯއިން ދެކުނު އެފްރިކާ ސިއްސުވާލައިފި!

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތަކަށްފަހު ފެށިގެންދިޔައީ، މުޅި ދުނިޔެ ސިއްސުވާލި ފޯރިގަދަ މެޗަކުންނެވެ. މެކްސިކޯ ސިޓީގެ މަޝްހޫރު އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ މެޗެކެވެ. ސަބަބަކީ މި ސްޓޭޑިއަމަކީ ތިން ވޯލްޑް ކަޕެއްގެ މެޗުތައް ބޭއްވި ދުނިޔޭގެ ފުރަތަމަ ސްޓޭޑިއަމަށް ވެގެންދިއުމެވެ. ޖުމްލަ 48 ގައުމަކުން ވާދަކުރާ، އަދި 39 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބޮޑު މުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ، ބާނާ ބޯއި އަދި ޖޭ ބަލްވިންގެ ފުރިހަމަ ހުށަހެޅުންތަކުން ވަނީ ދަނޑު ފަވައިލާފައެވެ.  

މި ފޯރިގަދަ ކުރިމަތިލުމަކީ ބޮޑު ތާރީޚެއް އެކުލެވިގެންވާ ރީމެޗެކެވެ. މީގެ 16 އަހަރު ކުރިން، އެބަހީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ އެންމެ ފުރަތަމަ ހުޅުވި މެޗުގައިވެސް ބައްދަލުކުރީ ހަމަ މި ދެ ގައުމެވެ. އެ ފަހަރު ދެކުނު އެފްރިކާގެ ސޮކަރ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، މިފަހަރުގެ ބައްދަލުވުން ވެގެންދިޔައީ އެ ހަނދާންތައް އާކޮށްދިން، އަދި އެއަށްވުރެ މާ ފޯރިގަދަ ރީމެޗަކަށެވެ.

ގްރޫޕް އޭގެ މި ފުރަތަމަ މެޗުގައި މެކްސިކޯއިން ވަނީ މޮޅު ކުޅުމެއް ދައްކައި، 2-0 ގެ ނަތީޖާއަކުން ދެކުނު އެފްރިކާ ބަލިކޮށްފައެވެ. މެޗުގެ ވަރަށް ކުރީކޮޅު، 9 ވަނަ މިނެޓުގައި މެކްސިކޯއަށް ކުރިހޯދައިދިނީ ޖޫލިއަން ކީނިއޯނެސް އެވެ. މި ލަނޑަކީ ދެކުނު އެފްރިކާގެ ޑިފެންޑަރު ސިތޯލޭއަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި، ކީޕަރުގެ ފައިދަށުން ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި މުބާރާތުގެ ފުރަތަމަ ގޯލެވެ. މެކްސިކޯގެ ދެވަނަ ލަނޑު 66 ވަނަ މިނެޓުގައި ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ރައުލް ހިމެނޭޒްއެވެ. ރޮބާޓޯ އަލްވަރާޑޯ ނަގައިދިން ހުރަހަކުން ބޮލުން ޖަހައި އޭނާ ކާމިޔާބުކުރި މި ލަނޑަކީ، އޭނާގެ ހަތަރުވަނަ ވޯލްޑް ކަޕް ކެރިއަރުގައި ޖެހި ފުރަތަމަ ލަނޑުވެސް މެއެވެ.  

މި މެޗު ތާރީޚުގެ ތެރެއަށް ވަދެގެންދިޔައީ ހަމައެކަނި ގޯލްތަކުންނެއް ނޫނެވެ. ވޯލްޑް ކަޕް ހުޅުވާ މެޗެއްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މި މެޗުން ވަނީ 3 ރަތްކާޑު ފެނިގެންގޮސްފައެވެ. އޭގެ ތެރެއިން ދެ ރަތްކާޑު ފެނުނީ ދެކުނު އެފްރިކާގެ ކުޅުންތެރިންނަށެވެ. އެގޮތުން 49 ވަނަ މިނެޓުގައި ޔާޔާ ސިތޯލޭއަށް ސީދާ ރަތްކާޑެއް ދެއްކިއިރު، 83 ވަނަ މިނެޓުގައި ވީއޭއާރު ބެލުމަށްފަހު ތެމްބާ ޒްވާނޭއަށްވެސް ވަނީ ރަތްކާޑު ދައްކާފައެވެ. މެކްސިކޯއިންވެސް މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ސެޒާ މޮންޓެސްއަށް ދެއްކި ސީދާ ރަތްކާޑާއެކުގައެވެ.  

މި މެޗުން މެކްސިކޯގެ އާ ރެކޯޑެއްވެސް ވަނީ އާވެގެންގޮސްފައެވެ. އެއީ އެޓީމުގެ ޒުވާން ކުޅުންތެރިޔާ ހިލްބާޓޯ މޯރާ ދެވަނަ ހާފުގައި ކުޅެން ނިކުތުމުންނެވެ. އުމުރުން އެންމެ 17 އަހަރާއި 240 ދުވަހުގައި ވޯލްޑް ކަޕް މެޗެއްގައި ކުޅެން ނިކުމެ، އޭނާ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕް ތާރީޚުގައި މެކްސިކޯއަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދި ކުޅުންތެރިޔާއަށެވެ.  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close