ޚަބަރު

ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކޮންމެ ދުވަހަކު މަސައްކަތްކުރަން: ރައީސް މުއިއްޒު

ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތްކުރަވަން ކަމުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުން ކަމަށާއި އެމަސައްކަތް ކޮންމެދުވަހަކުވެސް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ނަޞްރު ދުވަހުގެ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް ރައްޔިތުންނަށް ދެއްވި ޔަޤީންކަމަކީ ގައުމާއި ގައުމުގެ މިނިވަންކަން އިސްކުރެއްވުން ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮންމެ ދުވަހެއްގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ދިފާއީ ބާރު ވަރުގަދަކުރުމުގެ ގޮތުން މިދިޔަ އަހަރު ތެރޭގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އެއާކޯ ޤާއިމުކުރެއްވުމާއި، ޒަމާނީ ޔޫއޭވީ ގެނައުމާއި، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ސިފައިންގެ ތެރޭގައި ޤާއިމުކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، ކޯސްޓްގާޑުގެ ކެޕޭސިޓީ ވަރުގަދަކުރުމަށް ސްޕެޝަލް ބޯޓް ސްކޮޑްރަން ޤާއިމުކުރެވިފައިވާ ކަމަށާއި، ކޯސްޓްގާޑުގެ ފްލީޓު ދެގުނައަށް ބޮޑުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ލިބުނު ފިލާވަޅުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ތާރީޚީ ދުވަސްތައް ފާހަގަކުރުމުގެ މަޤްޞަދަކީ އޭގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ނަޞްރު ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަފާތު އެކި މުނާސަބަތުތަކާ ގުޅުވައިގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކުން އެކަނި ނުފުދޭނެ ކަމަށާއި، އެފަދަ ކަންކަމުން ނަތީޖާތަކެއް ނެރެން ޖެހޭނެ ކަމަށެވެ. އަދި މިފަދަ ޚާއްޞަ ދުވަސްތަކުގެ މަޢުލޫމާތު ޒުވާން ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކަނޑުއޮތްގިރި ކޯސްޓްގާޑާ ހަވާލުކުރެވިފައިވާ ކަމަށާއި، އެތަނުގައި ކުރިއަށް ގެންދާނީ ފްލީޓު ބޮޑުކޮށް ދެމެހެއްޓުމުގެ މަސައްކަތްތައް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close