ޚަބަރު

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ގަމު ދާއިރާއަށް ރީކޯމޫސަ ނުކުންނަނީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ގަމު ދާއިރާއަށް ނުކުންނަވާނެކަމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ ވިދާޅުވީ މިފަހަރުވެސް ވާދަކުރައްވާނެ ކަމަށާއި ނަމަވެސް މިފަހަރު ނުކުންނަވާނީ އެއްވެސް ޕާޓީއެއްގެ ޓިކެޓުގައި ނޫން ކަމަށެވެ.

އެމްޑީޕީގެ ޓިކެޓުގައި މިދިޔަ ދެދައުރުގައިވެސް މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ގޮނޑި ކަށަވަރު ކުރައްވާފައިވާ މޫސަ ވިދާޅުވީ ވަކި ޕާޓީއެއްގެ ކުލައެއްގައި ނުނިކުތަސް މިހާރު ރައްޔިތުން ބަލައިގަންނާނެ ކަމަށާއި ޕާޓީ ޓިކެޓުގައި ނުކުތުން މުހިންމު ކަމަށް މިވަގުތު ނުފެންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މޫސަ ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މިފަހަރު މަޖިލީހަށް ކުރިމަތި ލައްވާނީވެސް މާލޭގެ ދާއިރާއަކަށް ނޫން ކަމަށެވެ.

“މިފަހަރު އަޅުގަނޑު ނުކުންނާނީ ލ. ގަމު ދާއިރާއަށް، އެއީ އަޅުގަނޑު މަޖިލީހަށް ފުރަތަމަ ވެއްދި ރައްޔިތުން ހިމެނޭ އަތޮޅު، މިހާރުވެސް އެ އަތޮޅުގެ މީހުންނާ ގާތް ގުޅުމެއް އޮންނާނެ” މޫސަ ވިދާޅުވިއެވެ.

މޫސަ ވަނީ މީގެކުރިން ލ. އަތޮޅު މެމްބަރުކަން ކުރައްވާފައެވެ. ނަމަވެސް އަތޮޅުން އެކަނި މެމްބަރުން ހޮވުން ނިމުމަކަށް އައިސް ގިނަ ދާއިރާ ތަކަށް ބަހާލި ފަހުން މޫސަ ކުރިމަތި ލެއްވީ ހުޅުހެންވޭރު ދާއިރާއަށް އެކަންޏެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުންނަވައި އެމްޑީޕީން ވަކިވެވަޑައިގެން ޕީޕީއެމްއާ ފަހުން ގުޅިވަޑައިގެންނެވި މޫސަ މިހާރު ވަނީ ޕީޕީއެމުންވެސް ވަކިވެވަޑައިގެންފައެވެ. މޫސަ ވަކިވެވަޑައިގެންނެވިއިރު އެޕާޓީގެ މަޖިލިސް ޓިކެޓް ދެއްވި ބޭފުޅުންގެ ތެރޭގައި މޫސަ ނުހިމެނެއެވެ. އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވާފައިވާ މޫސަ މިފަހަރު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ގަމު ދާއިރާއަށް ނުކުންނަވާއިރު އެދާއިރާއަށް ޕާޓީ ތަކުންނާއި އަމިއްލަ ގޮތުންވެސް ވާދަކުރުމަށް ބަޔެއް ބޭފުޅުން ދަނީ ކެމްޕޭން ކުރައްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close