ކައުންސިލްތަކަށް މިހާރު މިނިވަން ކަމާއެކު ތަފާތު ވިޔަފާރިތައް ކުރެވޭނެ!
ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށް ކުންފުނި އުފައްދައިގެން ކުރެވޭ ވިޔަފާރިތަކުގެ ތެރެއަށް ގެސްޓު ހައުސް ވިޔަފާރި އާއި އަސާސީ މުދާ ވިއްކާ ފިހާރަތައް ހިމަނާ ޤަވައިދު އިސްލާހު ކޮށްފިއެވެ.
ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުވުމުގެ ގޮތުން މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ޤާނޫނަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރޭގައި ކައުންސިލްތަކަށް ކުންފުނި ހަދައިގެން ވިޔަފާރި ކުރެވޭނެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
އިކޮނޮމިކް މިނިސްޓްރީން ޤަވާއިދު އިސްލާހުކޮށްފައިވާއިރު ރަށްރަށާއި ސިޓީތަކުގައި އާއްމު ފަރާތްތަކުން ނުކުރާ ވިޔަފާރިތަކާއި އާއްމު ފަރާތްތަކުން ކުރި ނަމަވެސް އެކަށީގެންވާ މިންވަރަށް ހިދުމަތް ފޯރުކޮށް ނުދެވޭ ކަންކަން ކުރުމުގެ ފުރުސަތު މިހާރު މި ޤަވާއިދުގެ ދަށުން ކައުންސިލްތަކަށް ވަނީ ހުޅުވާލެވިފައެވެ.
އެގޮތުން ކައުންސިލްތަކަށް ކުރެވޭނެ ބައެއް ވިޔަފާރިތަކުގެ ތެރޭގައި ކޮންވެންޝަން ސެންޓަރު ހިންގުމާއި، އެއާޕޯޓު ހިންގުމާއި، ކްލިނިކާއި ހޮސްޕިޓަލް ހިންގުމާއި، ގެސްޓު ހައުސް، މަސް ޕްރޮސެސް ކުރުން، ކޭބަލް ޓީވީގެ ހިދުމަތް ދިނުމާއި، ބޯޓު ޔާޑު އަދި ފާމަސީ ހިންގުން ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ.
މިކަންކަމުގެ ތެރޭގައި ނުހިމެނޭ ކަމެއް ވިޔަފާރިގެ ގޮތުގައި ކައުންސިލަކުން ކުރުމަށް ހުށައަޅައިފިނަމަ، އިކޮނޮމިކް މިނިސްޓްރީން މިކަމަށް ހުއްދަ ދޭން ވާނީ އެލް.ޖީ.އޭގެ ލަފާއާއެކީ ކަމަށްވެސް އެ ޤަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މި ޤަވާއިދުގެ ދަށުން ހުއްދަ ނޫން ވިޔަފާރިއެއް ކައުންސިލަކުން ކުރާނަމަ 10،000ރ. އިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް އެ ޤަވާއިދުގައި ބުނެފައިވެއެވެ.



