ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމުގެ ބިލު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ދިރާސާކޮށް ފާސްކޮށްފައިވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު، މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލު ކޮމިޓީން ފާސްކޮށްފައިވަނީ އެއްވެސް ބަދަލެއް ނުގެނެސް، ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މި އިސްލާހުގެ ދަށުން ދެ އިންތިޚާބު އެއްކޮށްލުމުގެ އިތުރުން، މަޖިލީހުގެ ދައުރު ގުނާނެ އުސޫލަށް ވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން މަޖިލީހުގެ އުމުރަކީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ކަނޑައެޅުމާއި، އައު މަޖިލީހުގެ ފުރަތަމަ ޖަލްސާ ވެސް އެ ތާރީޚުގައި ބާއްވާ ގޮތަށް ވަނީ ހިމަނާފައެވެ. ކޮމިޓީ މަރުހަލާގައި މި ބިލާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިތުރުން ސިޔާސީ ޕާޓީތަކާ ވެސް ވަނީ މަޝްވަރާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، މިއީ ގާނޫނުއަސާސީގެ އަސާސީ ސިފަތަކަށް ބަދަލު އަންނަ ކަމަކަށްވާތީ، މަޖިލީހުން މި ބިލު ފާސްކުރުމަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ނަގަން ޖެހޭނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
