ޚަބަރު

ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންފި

ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސާނަޔަކެގެ ދައުވަތަކަށް މި މަހުގެ 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.

ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ގަހެއް އިންދަވައިދެއްވި މި ދަތުރުފުޅުގައި، ރައީސް މުޢިއްޒު ވަނީ ލަންކާގެ ރައީސާއި، ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ އަދި މަޖިލީހުގެ ރައީސް ޑރ. ޖަގަތު ވިކްރަމަރަތްނައާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ފަތުރުވެރިކަން، ދިފާޢީ ދާއިރާ، ތަޢުލީމް އަދި ފަންނީ ތަރައްޤީ ފަދަ މުހިންމު ދާއިރާތަކުން 7 އެއްބަސްވުމެއްގައި ސޮއިކުރެވުނުއިރު، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް ވަނީ ރަސްމީކޮށް ފައްޓަވާފައެވެ. މީގެ އިތުރުން، މިފްކޯގެ އުފެއްދުންތައް ލަންކާގެ ބާޒާރަށް ތަޢާރަފްކުރުމާއި، ދެ ޤައުމުގެ 300 އަށްވުރެ ގިނަ އިންވެސްޓަރުންނާއެކު ބޭއްވުނު ބިޒްނަސް ފޯރަމަކީ އިޤްތިޞާދީ ގޮތުން ލިބުނު ބޮޑު ކުރިއެރުމެކެވެ.

ދަތުރުފުޅު ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވަނީ ލަންކާ ސަރުކާރާއި ރައްޔިތުން ބެހެއްޓެވި ގާތް މެހެމާންދާރީއަށް “އެކްސް” މެދުވެރިކޮށް ލަންކާބަހުން ޝުކުރު އަދާކުރައްވާފައެވެ. ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަން ހާމަކުރައްވަމުން، މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close