ސަރުކާރުގެ ފުރަތަމަ ޑީއެންއޭ ލެބޯޓްރީގެ ޚިދުމަތް ފަށައިފި

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގެ ދަށުން ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭނެ ޒަމާނީ ޑީ.އެން.އޭ ލެބޯޓްރީއެއް ޤާއިމުކޮށް، އެތަނުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބަލަދުވެރިކަމުގެ ދަށުން ހިންގާ މޯލްޑިވްސް ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) ގައި މި ޚިދުމަތް ފެށުމަކީ، ރާއްޖޭގައި ތެލަސީމިއާ ބަލީގެ ފަރުވާ ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅުތަކުގެ ތެރެއިން އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.
މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ލެބޯޓްރީ ހުޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ރާއްޖޭގައި މިފަދަ ޓެސްޓުތައް ހެދެނީ ހަމައެކަނި އަމިއްލަ ޖަމްޢިއްޔާއަކުން ހިންގާ ކުޑަ ލެބޯޓްރީއަކުންނެވެ. ނަމަވެސް، ސަރުކާރުގެ ބެލުމުގެ ދަށުން މި ޚިދުމަތް ފެށުމާއެކު، ލޭގެ ބަލިތަކުގެ ތަޙުލީލުތައް މުޅިން އައު ހަރުފަތަކަށް ގޮސް، މީގެ ކުރިން ރާއްޖެއިން ބޭރަށް ފޮނުވައިގެން ހަދަންޖެހުނު އެތައް ޓެސްޓެއް މިހާރު ރާއްޖޭގައި ތިބެގެން ހެދޭނެ މަގު ތަނަވަސްވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އުފެއްދި މި ލެބޯޓްރީއަކީ އެންމެ ފަހުގެ އޮޓަމޭޓެޑް މެޝިންތައް ބޭނުންކޮށްގެން ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަނެވޭނެ ތަނެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރައްވާފައިވާ މި ލެބޯޓްރީގެ ސަބަބުން، ދިވެހިންގެ ޖީނަށް ޚާއްސަ ކުރެވިގެން ފަރުމާކޮށްފައިވާ ކިޓްތައް ބޭނުންކޮށްގެން ތަފްސީލީ ތަޙުލީލުތައް ކުރެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
މި ޚިދުމަތުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ކައިވެނިކުރުމުގެ ކުރިން ހަދާ ޓެސްޓުތަކާއި، ބަނޑުގައިވާ ދަރިފުޅަށް ތެލަސީމިއާ ހުރިތޯ ބަލަން ހަދާ “ޕްރީނޭޓަލް ޑައިގްނޯސިސް” ގެ ޚިދުމަތް ރާއްޖޭގައި ފުޅާވެގެން ދިއުމެވެ. މިއީ ކުރިއަށް އޮތް ޖީލުތަކުގައި ތެލަސީމިއާ ކޮންޓްރޯލް ކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.
ހުޅުމާލޭގައި އަލަށް ޤާއިމުކުރި މޯލްޑިވްސް ބްލަޑް ސަރވިސަސްގެ އިމާރާތަށް ޚިދުމަތްތައް ބަދަލުކުރި ފަހުން، މިހާތަނަށް ވަނީ ތެލަސީމިއާ ކުދިންނަށް ޚާއްސަ އެންޑޮކްރައިނޮލޮޖީ، ހެމަޓޮލޮޖީ އަދި ޕޭޝަންޓް ކެއަރ ސެންޓަރުގެ ޚިދުމަތްވެސް ފަށާފައެވެ. މީގެ އިތުރުން، ސަރުކާރުން މިހާރުވެސް ދަނީ ޖުމުލަ 24 ކުއްޖަކަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދީ، މި އަހަރުން ފެށިގެން ތެލަސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ތައްޔާރުވަމުންނެވެ. އަދި މި ދާއިރާއަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.



