ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ރަސްމީ ސިޔާސީ ގުޅުމަކަށް ނުވެ، ދީނީ އަދި ސަގާފީ އެއްގޮތްކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ އުޚުވަތްތެރި ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސައުދީގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ ސައުދީގެ އުސޫލުތަކާއި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. ޚާއްސަކޮށް، އެ ގައުމުގެ ކިބައިން ފެންނަ ކެރުމާއި، ދުރުވިސްނުމާއި، ދީލަތިކަމުގެ އިތުރުން މެހެމާންދާރީގެ ރިވެތި ސިފަތައް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަރައްގީއަށް ސައުދީ ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން، ދަތުރުފަތުރާއި، ގެދޮރުވެރިކަމާއި، ސިއްހަތުގެ އިތުރުން މަސްވެރިކަމުގެ ދާއިރާއިން ލިބެމުންދާ އެއްބާރުލުން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސުނާމީ ކާރިސާއަށްފަހު ރާއްޖެ އަލުން ބިނާކުރުމުގައި އެ ގައުމުން ވެދެއްވި އެހީތެރެއަށް ޝުކުރުއަދާކުރެއްވިއެވެ.
މީގެއިތުރުން، “މައްކާ ރޫޓް އީނިޝިއޭޓްވް” ގެ ސަބަބުން ދިވެހި ހައްޖާޖީންނަށް ލިބެމުންދާ ލުއިފަސޭހަތަކާއި، ރާއްޖޭގައި ގާއިމްކޮށްފައިވާ ކިންގް ސަލްމާން މިސްކިތަކީ ދެ ގައުމުގެ އެކުވެރިކަން ރަމްޒުކޮށްދޭ އަގުހުރި ބިނާއެއް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...