އީރާނުގެޝިރާޒް ސިޓީގައި ބަޑިން ހަމަލާދީ 13 މީހުން މަރާލި މީހަކީ ތަޖިކިސްތާނުގެ މީހެއް: އީރާން
މިދިޔަ މަހު ޝީއީންގެ ބޮޑު ޒިޔާރަތެއްގައި ބަޑިން ހަމަލާދީ 13 މީހުން މަރާލި ހާދިސާގައި ބަޑިޖެހި މީހާއަކީ ތަޖިކިސްތާނުގެ ރައްޔިތެއް ކަމަށް އީރާނުގެ ރަސްމީ ނޫސް އެޖެންސީން ހޯމަ ދުވަހު ބުނެފި އެވެ.
އިރާނުން މިހެން ބުނެފައިވާއިރު، އީރާނުގެ ޝީއީންގެ އެންމެ މޮޅު ފަސް ޒިޔާރަތުގެ ތެރެއިން އެއް ޒިޔާރަތެއް ކަމަށްވާ ޝިރާޒް ސިޓީގައި އޮކްޓޯބަރު 26 ވަނަ ދުވަހު ޝާހް ޗެރާގަށް ދިން ހަމަލާގެ ޒިންމާ ހަނގުރާމަވެރި ދާޢިޝް ޖަމާއަތުން ވަނީ އުފުލައިފައެވެ.
އީރާނުން ފުރަތަމަ ބުނި ގޮތުގައި ޝިރާޒްގައި 15 މީހުން މަރުވި ނަމަވެސް ފަހުން ވަނީ އެ އަދަދު 13 އަށް އިސްލާހުކޮށްފައެވެ.
އީރާންގެ ރިޕޯޓުގައި ބަޑިޖެހި މީހާއަކީ ސޮބާން ކޮމްރޫނީ ކަމަށް ބުނެފައިވެ އެވެ. އޭނާ މަރުވީ އޮކްޓޯބަރު 26 ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން އޭނާ ހައްޔަރުކުރިއިރު ލިބުނު އަނިޔާތަކުގެ ސަބަބުން އީރާނުގެ ދެކުނުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ދުވަސްތަކެއް ފަހުންނެވެ.
އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީއާ ހަވާލާދީ ހޯމަ ދުވަހުގެ ރިޕޯޓުގައި ބުނެފައިވަނީ ބަޑިޖެހި މީހާގެ ބައިވެރިއަކީ އަފްޣާން ރައްޔިތެއް ކަމަށްވާ މުހައްމަދު ރަމީޒް ރަޝީދީ ކަމަށެވެ. ތިންވަނައަށް ޝައްކު ކުރެވޭ މީހަކީ، އަވަށްޓެރި އަޒަރުބައިޖާނުން، އީރާނުގެ ވެރިރަށް ތެހެރާނަށް ދިން ހަމަލާގެ “މެއިން ކޯޑިނޭޓަރު” ކަމަށް ތުހުމަތު ކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.
އީއާރްއެންއޭ އިން ބުނީ ޒިޔާރަތަށް ދިން ހަމަލާއާ ގުޅިގެން ހަރުކަށި ޖަމާއަތްތަކާ ގުޅުން ހުރި ކަމަށް ބުނާ 26 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް އަޒަރުބައިޖާން، ތަޖިކިސްތާން އަދި އަފްޣާނިސްތާނުގެ ރައްޔިތުން ކަމަށެވެ.
އިތުރު ތަފްޞީލެއް ދިނުމަކާނުލައި އެ ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ މިދިޔަ ހަފްތާގައި ޕްރޮވިންސް ސިސްތާން އާއި ބަލޫޗެސްތާންގެ ޒާހިދާން ސިޓީގައި ވެސް މިފަދަ ހަމަލާއެއް ދޭން ރާވާފައިވާ ކަމަށެވެ.
އީރާނުން ސަރުކާރާ ދެކޮޅު މުޒާހަރާތައް ހަފްތާތަކެއް ވަންދެން ދިގުދެމިގެން ގޮސްފައި ވަނީ އެގައުމުގެ އަންހެނުންނަށް ހެދުން އެޅުމުގެ ހަރުކަށި އުސޫލާ ހިލާފުވި ކަމަށް ތުހުމަތު ކުރެވޭ އުމުރުން 22 އަހަރުގެ ކުރުދީ އަންހެނަކު ސެޕްޓެމްބަރު މަހު ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވުމުންނެވެ.



