އާޔަތުﷲ ޢަލީ ޚާމަނައީގެ ޖަނާޒާގެ ކަންކަން ޖުލައި މަހު ފަށަނީ

އީރާނުގެ ރޫޙާނީ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނައީގެ ޖަނާޒާގެ ކަންކަން ޖުލައި މަހުގެ 4 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އެމަނިކުފާނު ފަސްދާނުލުން އޮންނާނީ ޖުލައި 9 ވަނަ ދުވަހު ކަމަށް އެޤައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން އީރާނަށް ދޭން ފެށި ވައިގެ ހަމަލާތަކުގެ ފުރަތަމަ ދުވަހު އަވަހާރަވި ޚާމަނައީ އަކީ، ވޭތުވެދިޔަ 36 އަހަރު ދުވަހު އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އުމުރުފުޅުން 86 އަހަރުގައި އަވަހާރަވި ޚާމަނައީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ތެހެރާނުގައި ފެށުމަށްފަހު، ޖުލައި 7 ވަނަ ދުވަހު ގުމްގައިވެސް ޚާއްޞަ ރަސްމިއްޔާތުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އެމަނިކުފާނުގެ އުފަންރަށް ކަމަށްވާ މަޝްހަދުގައެވެ.
އިސްލާމީ ޝަރީޢަތުގައި މައްޔިތާ ވީހާވެސް އަވަހަށް ފަސްދާނުލުމަށް ބާރުއަޅާއިރު، ހަނގުރާމައިގެ ހާލަތްތަކުގައި މީގެ އިސްތިސްނާ ހާލަތްތަކެއް އޮވެއެވެ.
ޚާމަނައީގެ ޒަޢާމަތުގައި އީރާނަކީ އެމެރިކާއާ ދެކޮޅު ވަރުގަދަ ބާރެއްގެ ގޮތުގައި ބައްޓަންކުރެއްވިއެވެ. މިގޮތުން ލުބުނާނުގެ ހިޒްބުﷲ ފަދަ ޖަމާޢަތްތައް މެދުވެރިކޮށް މެދުއިރުމަތީގައި އީރާނުގެ އަސްކަރީ ނުފޫޒު ވަރުގަދަކުރެއްވިއެވެ. ހަމައެއާއެކު، އެމެރިކާގެ އެކި ސަރުކާރުތަކުން އީރާނުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތްތަކަށް ފުރުޞަތު ނުދެއްވައި، އެމަނިކުފާނު ހުންނެވީ އެމެރިކާގެ ސިޔާސަތުތަކާ ދެކޮޅަށް ވަރުގަދަ އަޒުމެއްގައެވެ.
ޚާމަނައީ އަވަހާރަވީ ތެހެރާނުގައި ހުންނަ އެމަނިކުފާނުގެ މަރުކަޒީ އޮފީހަށް ދިން ވަރުގަދަ ހަމަލާއެއްގައެވެ. މި ހަމަލާގައި ޚާމަނައީގެ ދަރިކަލުން މުޖްތަބާގެ އަނބިކަނބަލުންވެސް ވަނީ އަވަހާރަވެފައެވެ. އަދި އެ ހަމަލާގައި ޒަޚަމްވި މުޖްތަބާ މިހާރު ވަނީ އީރާނުގެ ރޫޙާނީ އެންމެ މަތީ ވެރިޔާގެ މަގާމާ ޙަވާލުވެވަޑައިގެންފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިއަދު ވިދާޅުވި ގޮތުގައި، ތިން މަސް ދުވަހަށް ދެމިގެންދިޔަ ހަނގުރާމައަށްފަހު އީރާނާއި އެމެރިކާއިން މިހާރު ވަނީ ޞުލްޙައިގެ އެއްބަސްވުމަކާ ހަމައަށް އައިސްފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


