ޣައްޒާއަށް ދަތުރުކުރި އެހީގެ ފްލޮޓިލާގައި ހިމެނޭ އެކްޓިވިސްޓުން އެނބުރި ޤައުމަށް ދިޔުމުން ހައްޔަރުކޮށްފި

ޣައްޒާއަށް ދަތުރުކުރި އެހީގެ ފްލޮޓިލާގައި ހިމެނޭ އެކްޓިވިސްޓުން އެނބުރި ގައުމަށް ދިޔުމުން، ސްޕެއިންގެ އެއާޕޯޓެއްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ސްޕެއިންގެ އުތުރުގެ ބިލްބާއޯ އެއާޕޯޓުގައި ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި، ފަލަސްތީނުގެ ޣައްޒާގެ ބަންދު އުވާލުމަށް މަސައްކަތްކުރި އެކްޓިވިސްޓުން އެނބުރި އައުމުން އެމީހުންނަށް މަރުހަބާ ކިޔަން އެއާޕޯޓަށް އެއްވި މީހުންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ.
މި ހަމަނުޖެހުން އުފެދުނީ، ތުރުކީ މަގުން އެނބުރި އައި ހަ އެކްޓިވިސްޓުންނާ ބައްދަލުކުރުމަށް އެއިން މީހެއްގެ އާއިލާގެ މެންބަރަކު މަސައްކަތް ކުރުމުން، ފުލުހުން އެކަމަށް ހުރަސްއެޅުމާ ގުޅިގެންނެވެ. ސްޕެއިންގެ ރަސްމީ މީޑިއާ، ޓީވީއީ އިން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މީހުންގެ ގައިގައި މުގުރުން ތަޅައި ބިމަށް ވައްޓާލާފައެވެ.
ބާސްކް ސަރަހައްދީ ފުލުހުން (އެރްޓްޒައިންޓްޒާ) ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި، ހައްޔަރުކުރުމަށް ހުރަސްއެޅުމާއި، ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ތުރުކީން އެނބުރި އައި ދެ އެކްޓިވިސްޓުން ވެސް ހިމެނެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެއާޕޯޓުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން، ފުލުހުން އަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށް އެ އިދާރާގެ އިންޓަރނަލް އެފެއާޒް ޑިވިޝަނުން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ ބާސްކް ފުލުހުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވަނީ، ވީޑިއޯތަކުން ފެންނަ ގޮތުގައި އެހާ ބޮޑަށް ބާރުގެ ބޭނުންކުރަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ބިމަށް ވައްޓާލާފައި ތިބި މީހުންގެ ގައިގައި މުގުރުން ތެޅުމަކީ ނުހަނު ސީރިއަސް މައްސަލައެއް ކަމަށެވެ.
ޣައްޒާއަށް އެހީ ހިފައިގެން ދިޔަ މި ފްލޮޓިލާ، އިސްރާއީލުގެ އަސްކަރިއްޔާއިން ކަނޑުމަތިން ހުއްޓުވައި، އޭގައި ތިބި އެކި ގައުމުތަކަށް ނިސްބަތްވާ ސަތޭކައަށްވުރެ ގިނަ އެކްޓިވިސްޓުން ވަނީ މިދިޔަ ހޯމަ ދުވަހު އިސްރާއީލުގެ ބަންދަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ސްޕެއިންގެ 44 މީހަކު ހިމެނޭ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ފްލޮޓިލާގައި ހިމެނޭ އިތުރު 20 އެކްޓިވިސްޓަކު ހޮނިހިރު ދުވަހު ބާސެލޯނާ އެއާޕޯޓަށް ވެސް ގޮސްފައިވެއެވެ. އެމީހުންނަށް މަރުހަބާ ކިޔުމަށް އެ ސިޓީގެ ގިނަ ބަޔަކާއި، ސްޕެއިންގެ ކަލްޗަރ މިނިސްޓަރު އާނެސްޓް އުރުތަސުން ވެސް ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.




