ޖަޕާނުގެ އާންމު އިންތިޚާބު ބޮޑު ތަފާތަކުން ޓަކައިޗީ ކާމިޔާބު ކުރައްވައިފި

ޖަޕާނުގައި ބޭއްވި އާންމު އިންތިޚާބުގައި ބޮޑުވަޒީރު ސަނައޭ ޓަކައިޗީގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އިން ބޮޑު ކާމިޔާބީއެއް ހޯދައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ‘ޑައެޓް’ގެ ސުޕަ މެޖޯރިޓީ ކަށަވަރުކޮށްފިއެވެ. ރަސްމީ ނަތީޖާ ދައްކާގޮތުން 465 ގޮނޑީގެ ތެރެއިން 316 ގޮނޑި އެލްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ ސަރުކާރެއް އެކުލަވާލަން ބޭނުންވާ 233 ގޮނޑިއަށްވުރެ މާ މަތީ އަދަދެކެވެ.
އިންތިޚާބުގެ މި ބޮޑު ކާމިޔާބީއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޮޑުވަޒީރު ޓަކައިޗީ ވިދާޅުވީ، އެކަމަނާގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ޒިންމާދާރު އަދި ހަރުދަނާ މާލީ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށެވެ. އަދި ގައުމުގެ އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ގައުމަށް ބޭނުންވާ މުހިންމު އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެކަމަނާ ދެއްވިއެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތްތާ އެންމެ ތިން މަސްދުވަހުގެ ތެރޭގައި ޓަކައިޗީ ކުއްލި އިންތިޚާބެއް އިޢުލާން ކުރެއްވީ، ޕާޓީގެ ތެރޭގައި ހުރި ފައިސާގެ މައްސަލަތަކާއި ދީނީ ޖަމާއަތްތަކާ އޮތް ގުޅުންތަކުގެ ސަބަބުން ގެއްލިފައިވާ އިތުބާރު އަލުން ހޯއްދެވުމަށެވެ. ގިނަ އަހަރުތަކެއް ވަންދެން ޖަޕާނުގައި ވެރިކަން ކުރަމުން އަންނަ އެލްޑީޕީއަށް މި ނަތީޖާއާއެކު ސިޔާސީ ގޮތުން އައު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި އިންތިޚާބުގެ ކެމްޕެއިންގައި ޓަކައިޗީ ވެވަޑައިގެންނެވި އެންމެ ވަރުގަދަ އެއް ވައުދަކީ، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ދިނުމަށްޓަކައި، ކާބޯތަކެތިން ނަގާ 8 އިންސައްތައިގެ ސޭލްސް ޓެކްސް ކަނޑާލުމެވެ. ނަމަވެސް، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން ދަރަނި އެންމެ ބޮޑު ގައުމުގެ ގޮތުގައި އޮތް ޖަޕާނުން މިފަދަ ފިޔަވަޅެއް އެޅުމުން، އާމްދަނީ ހޯދާނެ ގޮތްތަކާ މެދު އިންވެސްޓަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
އިންތިޚާބު ބޭއްވި ދުވަސްވަރަކީ ޖަޕާނުގެ ބައެއް ސަރަހައްދުތަކަށް ރެކޯޑު މިންވަރަކަށް ސްނޯ ފޭބި ދުވަސްވަރެއް ނަމަވެސް، އާންމުންގެ ބޮޑު ތަރުހީބެއް މި އިންތިޚާބަށް ލިބުނެވެ. މޫސުމީ ސަބަބުތަކާ ހުރެ ބައެއް ސަރަހައްދުތަކުގައި ވޯޓުލާ މަރުކަޒުތައް އަވަހަށް ބަންދުކުރަން ޖެހުނު ނަމަވެސް، ވޯޓުލާން ނިކުތް މީހުން ބުނެފައިވަނީ ބޮޑުވަޒީރު ޓަކައިޗީ ދައްކަވަނީ ގައުމަށް އުންމީދީ މިސްރާބެއް ކަމަށެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ހޯސެއި ޔުނިވާސިޓީގެ ލެކްޗަރާ ކްރެއިގް މާކް ވިދާޅުވީ، މިއީ އިދިކޮޅު ޕާޓީތަކުގެ އެއްވެސް ހުރަހެއް ނެތި، ބޭނުންވާ ކޮންމެ ގާނޫނެއް ފާސްކުރުމުގެ ފުރިހަމަ ބާރު ބޮޑުވަޒީރު ޓަކައިޗީއަށް ލިބިގެންދިޔަ ތާރީޚީ ކާމިޔާބެއް ކަމަށެވެ.



