ބައިނަލްއަޤްވާމީ ބަނޑުހައިހޫނުކަން މޮނިޓަރކުރާ ނިޒާމުން ސޫދާން ވަކިވެއްޖެ

ބައިނަލްއަޤްވާމީ ބަނޑުހައިހޫނުކަން މޮނިޓަރކުރާ ނިޒާމުން ސޫދާނުގެ ސަރުކާރު ވަކިވެއްޖެއެވެ.
މިއީ ޤައުމުގައި ބަނޑުހައިހޫނުކަން ފެތުރެމުންދާކަން ދައްކުވައިދޭ ރިޕޯޓެއް ނެރުމުގެ ކުރިން އެޅި ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑެތި ބަނޑުހައިހޫނުކަމުގެ ހާލަތްތަކުގެ ތެރެއިން އެއް ހާލަތަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅިދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ޑިސެމްބަރ 23 ގައި ސޫދާނުގެ ދަނޑުވެރިކަމާބެހޭ ވަޒީރު ފޮނުވި ސިޓީއެއްގައި ވަނީ، އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) ނިޒާމުގައި ބައިވެރިވުން ހުއްޓާލާ ކަމަށް ބުނެފައެވެ. މި ސިޓީގައި އައިޕީސީއަށް ތުހުމަތުކޮށްފައިވަނީ “ސޫދާނުގެ މިނިވަންކަމާއި ޤަދަރަށް އުނިކަން ލިބޭ، އިތުބާރު ނުކުރެވޭ ރިޕޯޓުތައް” ނެރުމަށެވެ.
އަންގާރަ ދުވަހު އައިޕީސީއިން ނެރޭނެ ކަމަށް ބެލެވޭ ރިޕޯޓުގައި، ސޫދާނުގެ ފަސް ސަރަހައްދެއްގައި ބަނޑުހައިހޫނުކަން ފެތުރިފައިވާ ކަމަށާއި، މޭ މަހާ ހަމައަށް މި އަދަދު 10 އަށް އިތުރުވެދާނެ ކަމަށް ފާހަގަކޮށްފައިވާކަމަށް ރޮއިޓަރސްއިން ބުނެފައިވެއެވެ.
“މިއީ ނުރައްކާތެރި ހަނގުރާމައާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ކާބޯތަކެއްޗާއި ނިއުޓްރިޝަންގެ ހާލަތު މިހާތަނަށް ނުދެކޭ ފަދަ ގޮތަކަށް ގޯސްވެ، ފުޅާވަމުންދާކަން ދައްކުވައިދޭ ކަމެކެވެ،” މި ލިޔުމުގައި ބުނެފައިވެއެވެ.
ރޯމްގައި ހުންނަ އައިޕީސީގެ ތަރުޖަމާނަކު މިކަމާ ގުޅޭގޮތުން ރޮއިޓާސްއަށް އެއްވެސް އެއްޗެއް ބުނަން އިންކާރުކުރިއެވެ.
ސޫދާނުގައި ހަރަކާތްތެރިވާ އެން.ޖީ.އޯއެއްގެ އިސްވެރިޔަކު ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން ރޮއިޓާސް އަށް ބުނި ގޮތުގައި، ސޫދާނު އައިޕީސީ ނިޒާމުން ވަކިވުމުގެ ސަބަބުން، އެ ޤައުމުގައި ބަނޑުހައިހޫނުކަމުގެ ހާލަތުގައި ތިބި މިލިއަނުން މީހުންނަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅިދާނެއެވެ.




