ޚަބަރު

ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ޖާބިރު ގޮވާލައްވައިފި

ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ޖާބިރު އަނެއްކާވެސް ގޮވާލައްވައިފިއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ދޭތެރެ ދޭތެރެއިން މަޖްލީހުގައި ޖާބިރު ގޮވާލައްވައެވެ. މިއަދު އަނެއްކާވެސް ޖާބިރު ރައީސް ޔާމީނު މިނިވަން ކުރުމަށް ގޮވާލައްވާފައިވަނީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގެ ބަހުސް މަރުހަލަ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ޖާބިރު މަޖިލީހުގައި މިއަދު ވާހަކަ ވެސް ދެއްކެވީ އިނގިރޭސި ބަހުންނެވެ. ބައެއް ދުވަސްދުވަހު މަޖްލިސްގެ ތަޅުމުގައި އިޓަލީ ބަހުންވެސް ބައެއް ފަހަރުފަހަރަށް ވާހަކަ ދައްކަވާ ޖާބިރު މިއަދު ވިދާޅުވީ ބަޖެޓަށް އެއްވެސް ވަރަކަށް އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ.

ޖާބިރަކީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ބައެއް ބޭބޭފުޅުންގެ އިސްތިއުފާއަށްވެސް ގޮވާލައްވާ ބޭފުޅެކެވެ. އެގޮތުން މިއަދުގެ މަޖްލިސްތަޅުމުގައި މީގެ ޖާބިރު ވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ރައީސް ޞާލިހުގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ.

މީގެ ކުރިން ރިޔާސީ ނިޒާމަށް ތާއީދުކުރެއްވި ޖާބިރު މިއަދު ވިދާޅުވީ ރާއްޖޭގައި އޮންނަން ޖެހެނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. އަދި އެނިޒާމު ގެނައުމަށް މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.

މިއަދުގެ ބަޖެޓު ބަހުސްގައި ޖާބިރު އިނގިރޭސި ބަހުން ވާހަކަ ދައްކަވާތީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު ނިޒާމީ ނުކުތާއެއް ނަންގަވާ “މަޖިލީހުގައި ކުރިއަށްދަނީ އދ.އާންމު މަޖިލީހުގެ ޖަލްސާއެއްތޯ ނުވަތަ ދިވެހި ރާއްޖޭގެ މަޖިލީހުގެ ޖަލްސާއެއްތޯ” ސުވާލު އުފައްދަވާފަ އެވެ.

މި ނިޒާމީ ނުކުތާއަށް މަޖިލިސްގެ ރިޔާސަތުން ވިދާޅުވީ މަޖިލީހުގައި މެމްބަރަކު ވާހަކަ ދައްކަން ވަކި ބަހެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

ބަޖެޓަށް ތަޅުމުގައި ކުރެވޭ ބަހުސް މަރުހަލާ މިހަފްތާގެ ބުދަ ދުވަހުގެރެއަށް ނިންމާލުމަށް މަޖިލީހުން އަމާޒު ހިފާފައިވާ އިރު، ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނިޓުގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކޮމެޓީން ބަޖެޓް ފާސް ކުރުމަށްފަހު ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް 7 މިނިޓުގެ ފުރުސަތެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބަޖެޓުގެ ބަހުސަށްފަހު މެމްބަރުންގެ ވާހަކަފުޅުތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރަށް 45 މިނިޓްގެ ވަގުތެއް އަރުވާނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓެކެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި، ތަރައްޤީގެ ގިނަ ކަންތައްތަކެއް އެކުލެވޭގޮތަށް ހުށަހަޅުއްވާފައިވާ ބަޖެޓެކެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close