ތަޢުލީމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް: 30 ސްކޫލް އިމާރާތް އަންނަ އަހަރަށް ތައްޔާރު

ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން 30 އިމާރާތެއްގެ މަސައްކަތް ނިމިފައިވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މި އިމާރާތްތައް އަންނަ ޖެނުއަރީ މަހު ފަށާ ދިރާސީ އައު އަހަރުގައި ބޭނުންކުރަން ފެށޭނެ ކަމަށާއި، މިއީ ސްކޫލްތަކުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، ކިޔަވައިދިނުމުގެ މާޙައުލު ރަނގަޅުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަސް މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރުން ސްކޫލްތަކުގެ އާބާތުރަ ފިލުވުމަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވައި ގައުމީ ޓީވީ ޕީއެސްއެމުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ އަހަރު 30 މިލިޔަން ރުފިޔާ އަދި މިއަހަރު 70 މިލިޔަން ރުފިޔާ މިކަމަށް ޚަރަދުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ‘ކޫލް ސްކޫލް’ މަޝްރޫޢަށާއި އަންނަ ދިރާސީ އަހަރަށް ތައްޔާރުވުމަށް 20 މިލިޔަން ރުފިޔާ އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން 55 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ހުޅުމާލެ ފޭސް 2 ގައި އަލަށް ހުޅުވާ ‘ޝަހީދު އަލީ’ ސްކޫލާއެކު އަންނަ ދިރާސީ އަހަރު 1800 ކުދިންނަށް ޖާގަ ލިބިގެންދާނެއެވެ. ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާތީ، އިތުރު 4 ސްކޫލެއް ބިނާކުރުމަށް ވަނީ ޕްލޭންކޮށްފައެވެ. އެ ތަންތަނުގެ ޑިޒައިން މަސައްކަތާއި ބިން ކަނޑައެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

