އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ރާއްޖޭގެ ތައުލީމީ ނިޒާމަށް މުހިންމު ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއަދު ފެށުނު 8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް ތައުލީމީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، ދަރިވަރުންގެ އުނގެނުމުގެ ފެންވަރު މަތިކުރުމަށްޓަކައި ކީ-ސްޓޭޖް އެކެއް ކަމަށްވާ ގްރޭޑް 1، 2 އަދި 3 ގެ މުގައްރަރަށާއި ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރަމުން އަންނަ ފޮތްތަކަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ 2016 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ފޮތްތަކަށް ބަދަލު ގެންނަ މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް، ފޮތްތަކަށް ބަދަލު ގެނައި ނަމަވެސް ހަގީގީ ހެޔޮ ބަދަލެއް ގެނެވޭނީ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުން ކަމަށާއި، އެންމެ ބޮޑު ބަދަލެއް އަންނަންޖެހޭނީ ތުއްތު ދަރިވަރުންގެ ތައުލީމު ބައްޓަންކުރަން ވިސްނާ ގޮތަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޒަމާނީ ޓެކްނޮލޮޖީއަށާއި ވަޒީފާގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާއެކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ވަސީލަތްތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށްޓަކައި ޓީޗަރުން ވެސް މިފަދަ ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމުގެ މުހިންމުކަން މިނިސްޓަރު ވަނީ ކޮންފަރެންސްގެ ބައިވެރިންނަށް ހަނދާންކޮށްދެއްވާފައެވެ.
މީގެއިތުރުން، މަތީ ސާނަވީ ތައުލީމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޭ-ލެވެލްގައި ކިޔަވާ ދަރިވަރުންގެ ނިސްބަތް ހުރީ %30 އާއި %40 އާ ދެމެދުގައި ކަމަށެވެ. ނަމަވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު އެ އަދަދު %50 އަށް އިތުރުކުރެވިފައިވާ ކަމަށާއި، މާލޭ ވޮކޭޝަނަލް ހައި ސްކޫލްގެ ފުރުސަތުތަކާއެކު މަތީ ސާނަވީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ނިސްބަތް %60 އަށް މަތިކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...