ޚަބަރު ޑަބްލިއުޑީސީ މެންބަރުންގެ މުސާރަ ބޮޑުކޮށްފި؛ ސިޓީތަކުގެ ރައީސުންނަށް 41,500 އަދި ރަށްރަށުގެ ރައީސުންނަށް 21,000 ރުފިޔާ

ޑަބްލިއުޑީސީ މެންބަރުންގެ މުސާރަ ބޮޑުކޮށްފި؛ ސިޓީތަކުގެ ރައީސުންނަށް 41,500 އަދި ރަށްރަށުގެ ރައީސުންނަށް 21,000 ރުފިޔާ

ޑަބްލިއުޑީސީ މެންބަރުންގެ މުސާރަ ބޮޑުކޮށްފި؛ ސިޓީތަކުގެ ރައީސުންނަށް 41,500 އަދި ރަށްރަށުގެ ރައީސުންނަށް 21,000 ރުފިޔާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް، ސިޓީތަކުގެ ކޮމިޓީ ރައީސުންގެ މުސާރަ 41,500 ރުފިޔާއަށް އަދި ރަށްރަށުގެ ކޮމިޓީ ރައީސުންގެ މުސާރަ 21,000 ރުފިޔާއަށް ބޮޑުކުރުމަށް ނެޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ. ޕޭ ކޮމިޝަނުން މިގޮތަށް މުސާރައިގެ އައު އޮނިގަނޑު އެކުލަވައިލުމަށްފަހު، އެ ތަފްސީލްތައް މިހާރު ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ހިއްސާކޮށްފައެވެ.

މި އައު ނިންމުމާ އެކު، ސިޓީތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ އަސާސީ މުސާރައަކީ 33,000 ރުފިޔާ ކަމަށް ހަމަޖައްސާފައިވާއިރު، ލިވިން އެލަވަންސްގެ ގޮތުގައި 8,500 ރުފިޔާ ލިބޭނެއެވެ. އެހެންކަމުން ސިޓީތަކުގެ ރައީސުންނަށް މަހެއްގެ މައްޗަށް ޖުމްލަ 41,500 ރުފިޔާގެ އާމްދަނީއެއް ލިބިގެންދާނެއެވެ.

ސިޓީތަކުގެ ކޮމިޓީތަކުގެ ނައިބު ރައީސުންގެ މުސާރަ ބަހާލެވިފައިވަނީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 5,000 ރުފިޔާއާއި ބައްދަލުވުންތަކަށް ދެވޭ އެލަވަންހުގެ މައްޗަށެވެ. އެގޮތުން ބާއްވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ލިބޭއިރު، ބައްދަލުވުންތަކުން މަހެއްގެ މައްޗަށް އެންމެ ގިނައިން ލިބޭނީ 2,000 ރުފިޔާއެވެ. މިއާއެކު ސިޓީ ކައުންސިލްތަކުން ނައިބު ރައީސުންނަށް މަހަކު ޖުމްލަ 7,000 ރުފިޔާ ދޭންޖެހޭނެއެވެ. އަދި ސިޓީތަކުގެ ކޮމިޓީ މެންބަރެއްގެ ޖުމްލަ މުސާރައަކީ މަހަކު 6,000 ރުފިޔާ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރައިގެ އޮނިގަނޑަށް ބަލާއިރު، ރަށު ކޮމިޓީތަކުގެ ރައީސުންގެ އަސާސީ މުސާރައަކީ 16,500 ރުފިޔާއެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި ދިނުމަށް ނިންމާފައިވާ 4,500 ރުފިޔާއާއެކު، ރަށު ކޮމިޓީތަކުގެ ރައީސުންނަށް މަހަކު ޖުމްލަ 21,000 ރުފިޔާ ލިބޭނެއެވެ.

ރަށު ފެންވަރުގެ ކޮމިޓީތަކުގެ ނައިބު ރައީސުންގެ އަސާސީ މުސާރައަކީ 4,000 ރުފިޔާއެވެ. ބާއްވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ މަގުން، ބައްދަލުވުންތަކުގެ އެލަވަންސްގެ ގޮތުގައި މަހަކު އެންމެ ގިނައިން 2,000 ރުފިޔާ ލިބޭ ގޮތަށް ހަމަޖެއްސުމުން، ރަށު ކޮމިޓީތަކުގެ ނައިބު ރައީސުންނަށް ޖުމްލަ މަހަކު 6,000 ރުފިޔާ ލިބޭނެއެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ އާންމު މެންބަރެއްގެ ޖުމްލަ މުސާރައަކީ މަހަކު 5,000 ރުފިޔާ ކަމަށް ޕޭ ކޮމިޝަނުގެ އައު އޮނިގަނޑުގައި ވަނީ ކަނޑައަޅާފައެވެ.

ޓެގް

ލޯކަލްގަވަރމެންޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.