ޝައިޚު ނިޝާންގެ ބަންދަށް އިތުރު 13 ދުވަސް ޖަހައިފި
މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކޮކުރި އައްޝައިޚު އާދަމް ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޔޯގާ ދުވަސް ފާހަގަކުރުމަށް ދަނޑުގައި ބޭއްވި ހަރަކާތްތަކަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި އައްޝައިޚް އާދަމް ނިޝާން ހައްޔަރުކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ފުރަތަމަ ނިޝާން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރުނީ ހަތް ދުވަހަށެވެ. އޭގެ ފަހުން ދިނީ ތިން ދުވަހުގެ މުއްދަތެވެ. އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 13 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ އެކަކަކީ ނިޝާންއެވެ.
ދީނީ ގިނަ އިލްމުވެރިން ދެކޮޅު ހަދަމުންދަނިކޮށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. މިހަނުޖެހުންތައް ހިނގާފައިވަނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުންކަމަށް ފުލުހުން ވަނީ އެއްބަސްވެފައެވެ. މިހަނުޖެހުންގައި ދީނީ އިލްމުވެރިންގެ ތެރެއިން ޝައިޚު ނިޝާންއާއި، ފަޒުލޫން ވަނީ ހައްޔަރުކޮށްފައެވެ.
އެދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ޝައިޚު ނިޝާން ހައްޔަރުކޮށްފައިވާއިރު، އެދުވަހުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ޝައިޚު ނިޝާން ހަރަކާތްތެރިވާ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. އެވީޑިއޯގައި ގިނަ އަދަދެއްގެ މީހުން ހަމަނުޖެހުން ހިންގުމަށް ފުލުހުންގެ ބެރިކޭޑް ފަޅާލާފައި ދާން އުޅުމުން ނިޝާންވަނީ އެއްވި މީހުން ކޮންޓްރޯލްކޮށް ހަމަނުޖެހުން ހިންގުން ކޮންޓްރޯލް ކުުރުމަށް މަސައްކަތް ކޮށްފައެވެ.
