ޚަބަރު

ބޮޑު ޚިޔާނާތް އެންމެ ފުރަތަމަ ފަޅާއަރުވާލި ޤާސިމް އެންއައިސީގެ މެމްބަރުކަމަށް އައްޔަންކޮށްފި

އެމްއެމްޕީއާރުސީގެ ޚިޔާނާތް އެންމެ ފުރަތަމަ ފަޅާއަރުވާލި ޤާސިމް ޢަބްދުލްކަރީމް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އައްޔަން ކޮށްފިއެވެ.

ކަރީމް ވަނީ ފ.ނިލަދޫ ބޭންކު ބްރާންޗުގެ މެނޭޖަރުކަމުގެ މަޤާމުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢަބުދުލް ކަރީމާއި އެކު ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ފާދިއްޕޮޅު ނައިފަރު، ނިކަގަސްދަށުގެ ޤާސިމް ޢަބްދުލްކަރީމާއި، މާފަންނު ޕިސްތާގެ އާމިނަތު ޝާދިޔާއާއި، ގަލޮޅު ދޫރެސްވިލާ އަލްއުސްތާޛާ ޢާޝިޔަތު ޝިއުނާއާއި، ދަފްތަރު ނަންބަރު ރސ، 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ވަނީ ޙަވާލުކުރައްވާފައެވެ.

އެންއައިސީގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެމަޤާމުގައި އަޙްމަދު ސުލައިމާން އެމަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ޖުލައި މަހުގެ 21ވަނަ ދުވަހު މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން އޭނާ މަޤާމުން ވަކިކޮށްފައިވުމުންނެވެ. އަދި އިތުރު ތިން މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ އެންއައިސީގެ ނާއިބް ރައީސް ހައްސާން ހަމީދާއި މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަޙްމަދު އަމީން މަގާމުން އިސްތިއުފާ ދެއްވާފައިވާތިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމާއި، އެފަދަ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުމަށް އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close