ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށްފަހު، ގުރުނެގުން ފަށައިފި

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށްފަހު، ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުން މިއަދު ހެނދުނު ފަށައިފިއެވެ. ކުރިން 610 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، އާ ޕްލޭނާއެކު 4,072 ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ގުރުނެގުން ކުރިއަށް ގެންދަނީ ސޯޝަލް ސެންޓަރުގައެވެ.
ގިރާވަރުފަޅުން 264.3 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު، ކުރިން ހަދާފައިވާ ލޭންޑް ޔޫސް ޕްލޭންގައި އެތަނުން ދޫކުރަން ނިންމާފައިވަނީ އެންމެ 610 ގޯތިއެވެ. ނަމަވެސް، މިސަރުކާރުން ވަނީ މި ޕްލޭނަށް ބަދަލު ގެނެސް، އިތުރު ބިން ހިއްކައި، ދޫކުރާ ގޯތީގެ އަދަދު 4،072 އަށް އިތުރުކޮށްފައެވެ.
ގޯތީގެ އަދަދު ގިނަކުރުމަށްޓަކައި ޕްލޭން ބަދަލުކުރުމާއެކު، ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންނަށް ކަނޑައަޅާފައިވާ ބިމުގެ ސަރަހައްދުތަކަށް ބަދަލު އައިސް، އާ ލޮޓް ނަންބަރުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. މި ބަދަލުތަކާއެކު ގޯތިތަކުގެ ތަފްސީލު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ޖުމުލަ 264.3 ހެކްޓަރުގެ ބިމުގެ ތެރެއިން ބާކީ ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއްޔެ ވަނީ ފަށާފައެވެ. މި މަސައްކަތް ކުރިއަށް ދާނީ އަވަސް މިނެއްގައެވެ.
ގޯތި ލިބޭ މީހުންގެ ގުރުއަތުލުން ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން މިކަމަށް ޚާއްސަކޮށްފައިވާ މުވައްޒަފުންގެ ބެލެހެއްޓުން ދަށުންނެވެ. ގުރު ނަގަމުންދާ ވަރަކުން، އެކަމަށް ގާއިމްކޮށްފައިވާ ހާއްސަ ލިންކު މެދުވެރިކޮށް ގޯތި ލިބުނު މީހުންނަށް އެމީހުންގެ ޕްލޮޓް ނަންބަރު ބަލައިލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ދޫކުރާ 4,072 ގޯތީގެ ތެރޭގައި 1،250 އަކަފޫޓުގެ 2،603 ގޯތި ހިމެނެއެވެ. މީގެ އިތުރުން 1،650 އަކަފޫޓުގެ 1،214 ގޯތި، 2،050 އަކަފޫޓުގެ 254 ގޯތި އަދި 2،450 އަކަފޫޓުގެ އެއް ގޯތި ހިމެނޭކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓަރީ އާއި ބިން ލިބޭ މީހުންނާ އެކު ހަދަންޖެހޭ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު މިނިސްޓްރީން ފަހުން އާންމު ކުރާނެއެވެ. އަދި ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ މީހުންނާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
