ޚަބަރު

ދިއްދޫގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ޖޫނިއާ ކޮލެޖްގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

ހއ. ދިއްދޫގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ޖޫނިއާ ކޮލެޖްގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހއ. ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، ކޮންޓްރެކްޓްގައި އިއްޔެސޮއިކޮށްފައިވާ ކަމަށެވެ.

މިއަދު މި ވެވުނު އެއްބަސްވުމުގެ ދަށުން މި މަސައްކަތް ނިންމުމަށް ވީ އަވަރ އިންވެސްޓްމެންޓާ ހަވާލު ކުރެވިފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ދިއްދޫގައި ހިންގާ މަޝްރޫޢުއެކެވެ. މިއީ މި ސަރަހައްދުގައި އެޅޭ އެންމެ ބޮޑު ތައުލީމާ ގުޅޭ މަރުކަޒެވެ.

މި މަސައްކަތް ހަވާލުކުރުމަށް މިއަދު ހަޔާ އެޑިޔުކޭޝަންގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދަނީ އަތޮޅުތެރެއަށް މަތީތައުލީމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު މަސައްކަތްތަކެއްގެ ފެށުން ކަމަށެވެ.

“އެނގިވަޑައިގަންނަވާނެ އެމްޑީޕީ ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއް ދިއްދޫގައި ޖޫނިއަރ ކޮލެޖެއް އެޅުމަކީ. މަތީ ތައުލީމާއި ފުރުސަތުތައް އާ މޮޑެލެއްގެ ތެރެއިން ފަހިކޮށްދެވިގެން ދިއުން. ޒުވާނުންއަށް އާ ފުރުސަތުތަކެއް އާ އުއްމީދުތަކެއް ލިބުން. ޖޫނިއަރ ކޮލެޖެއްގެ ވާހަކައަކީ ވަރަށް ޒަމާން ވެއްޖެ ދައްކާ ވާހަކައެއް.” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ތަރައްގީގެ ހުރިހާ ގޮތަކުން ވެސް ދިއްދޫ ރައްޔިތުން ފަޚުރުވެރިވާފަދަ ތަނަކަށް އެ ކޮލެޖު ހެދުމަށް ބޭނުންފުޅުވާ ކަމަށާއި، މިޑިޒައިނަކީ ވެސް ދިއްދޫ ރައްޔިތުން ފަޚުރުވެރިވާ ރަށުގެ މުހިއްމު ލޭންޑްސްކޭޕަކަށް ވާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދިއްދޫ ޖޫނިއަރ ކޮލެޖުން ނިކުންނަ މަސައްކަތްތެރިންނަކީ ދިއްދޫ ރައްޔިތުން ފަޚުރުވެރިވާފަދަ ހުނަރުވެރި ފަންނުވެރި ތައުލީމީ އަޚުލާގީ ފެންވަރު ރަނގަޅުބަޔަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މި މަސައްކަތް ހަގީގަތަކަށްވެ ޑިޒައިނާއި އެއްގޮތަށް ތަން ނިމިމަސައްކަތް ވީހާވެސް ހަލުވިކަމާއެކު ކޮންޓްރެކްޓުގައި ކުރިއަށްގެންގޮސް ނިންމާލުން އެއީ އެމަނިކުފާނު އުއްމީދު ކުރައްވާ ގޮތް ކަމަށް ވެސް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައިނ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ މިއީ ދިއްދޫ އާއި ރަށް ހިމެނޭ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ލިބުނު އުފަލެއް ކަމަށެވެ.

“ދިއްދޫ ކައުންސިލްގެ ފަރާތުން ވެސް ވަރަށްބޮޑަށް ފާހަގަ ކުރޭ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ޑިޒައިން ސްޓޭޖުގައި ވެސް އަދި އެހެން ސްޓޭޖުތަކުގައި ވެސް ވަރަށް ބޮޑަށް ކައުންސިލާއި މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިޔަ ކަމަށް. މިމަސައްކަތް ނިންމާލެވުނީ ވެސް އެއްބާރުލުމާއި އެކީގައި، އެއީ ދިއްދޫ ކައުންސިލްގެ ހުރިހާ ބޭފުޅުން ވެސް ވަރަށް ބޮޑަށް ފާހަގަ ކުރާކަމެއް.” މެންބަރު އަބްދުﷲ ވަހީދު ވިދާޅުވި އެވެ.

ދިއްދޫގައި ބިނާކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ އެވެ.

މި ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30،000 އަކަފޫޓްގެ ޖާގައިގައެވެ. މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެ އެވެ. މި ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެ އެވެ.

މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު އަސާސީ ޚިދުމަތްތައް (ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން) ވެސް ހިމަނާފައިވާނެ ކަމަށް ހަޔާ އެޑިޔުކޭޝަނުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close