ސިޔާސީ މަޚްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތްކަމަށް އޭސީސީން ބުނެފި

މަޚްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތްކަމަށް އޭސީސީން ބުނެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގޭގައި މަޑުކުރަން އެންގެވި ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ފައިސާ ލޯންޑަރ ކުރުމަށް ބޭނުންކުރި އެސްއޯއެފްގެ އެކައުންޓުން ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ތިރީސް ތިން ހާސް އެމެރިކާ ޑޮލަރ ޖަމާވިކަން އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ ތަޙްޤީޤް ރިޕޯޓުން ހާމަވެ، އެކަން ޢާންމުކުރުމާއެކު ވަކި މުއްދަތެއް ނެތްގޮތަށް ވަޒީރުކަމުގެ އެންމެހައި މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ގޭގައި މަޑުކުރެއްވުމަށް މަޚްލޫފަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ އަންގަވާފައެވެ.

ޕީއެސްއެމަށް ކަށަވަރު ވެފައިވާގޮތުގައި މިމަކާ ގުޅިގެން ޔޫތް މިނިސްޓަރ މަޚްލޫފް އޭސީސީއަށް ފޮނުއްވި ސިޓީއެއްގެ ޖަވާބުގައި އޭސީސީން ވަނީ މަޚްލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާކަމަށް އޭނާއަށް ލިޔުމުން އަންގާފައެވެ. އަދި އެމްއެމްޕީއާރސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤް ރިޕޯޓްގައި ބަޔާންކޮށްފައިވާގޮތުން، ޚިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާކަމަށް ތުހުމަތު ކުރެވެނު ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފް ހިމެނޭގޮތުން، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލައިގައި ފާހަގަކުރެވުނު ކަންކަން އޭސީސީން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މަޚްލޫފްގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން 33 ހާސް ޑޮލަރު ޖަމާކުރި މައްސަލައިގައ މަޚްލޫފް ވިދާޅުވެފައިވަނީ، އޭނާ އެކުންފުންޏާއެކު ހިންގާފައިވަނީ އާއިލީ ވިޔަފާރިއަކަށް ބޭނުންވާ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށެވެ. އަދި މިކަމާބެހޭ ލިޔެކިއުންތައްވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ޢާންމުކުރައްވާފައެވެ. މަޚްލޫވް ވިދާޅުވެފައިވަނީ އޭނާ އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާކަމަށް ސާބިތުވެއްޖެނަމަ މަޤާމުން އިސްތިއުފާ ދެއްވާނެކަމަށެވެ.

މިމައްސަލައިގައި މަޚްލޫފްގެ އިތުރުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، ދައުލަތުގެ 2 ކުންފުންޏެއްގެ ބޯޑުގައި ހިމެނޭ 2 މެމްބަރުން ގޭގައި މަޑުކުރެއްވުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ.

ޓެގް

މަޙްލޫފް ސިޔާސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.