ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލައިފި
ޕާކިސްތާނުގައި ކުރިއަށް ދިޔަ މުޒާހަރާއެއްގައި ބައިވެރިވެ ވަޑައިގެން ހުންނަވަނިކޮށް ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލައިފިއެވެ.
އިމްރާން ހާންގެ ގަޔަށް ބަޑި ޖަހާ ޒަހަމްކޮށްލީ ޕާކިސްތާންގެ ލާހޫރްގައި ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ. ޕާކިސްތާން ތެހްރީކް-އީ އިންސާފް ޕާޓީން ބޭއްވި އެއްވުމުގައި އިތުރު ހަތަރު މީހަކު ވެސް ޒަހަމްވިއެވެ.
އެކަމަކު، މި ހަމަލާގައި މިހާތަނަށް އައިއިރު އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.
މި ހަމަލާ އަމާޒުވެފައި ވަނީ އިމްރާން ހާންގެ ހަށިގަނޑުގެ ކޮން ތަނަކަށް ކަމެއް އަދި ސާފުވެފައި ނުވި ނަމަވެސް، އޭނާ އަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ބެލެވޭ ގޮތުގައި ހަމަލާ އަމާޒުވެފައި ވަނީ އިމްރާންގެ ފައިގެ ކޮންމެވެސް ހިސާބަކަށެވެ.
މި އެއްވުމުގައި އިމްރާން 70، ގޮވާލައްވަމުން ގެންދެވީ ޕާކިސްތާންގައި އަވަސް އިންތިހާބެއް ބޭއްވުމަށެވެ.
“މިއީ އޭނާ (އިމްރާން ހާން) އަވަހާރަކޮށްލުމަށް ދިން ހަމަލާއެއް،” އޭއެފްޕީއާ ވާޙަކަ ދެއްކި މީހަކު ބުންޏެވެ.
ޕާކިސްތާންގެ ޖިއޯ ޓީވީން ރިޕޯޓު ކުރަމުން އަންނަ ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ވަނީ އިމްރާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައެވެ. އެނިންމުމަކީ ސިޔާސީ މަގްސަދެއްގައި ނިންމި ނިންމުމެއް ކަމަށް ކުރީގެ ތަރި ކްރިކެޓް ކުޅުންތެރިޔާ އިމްރާން ވަނީ ސިފަކުރައވާފަ އެވެ.
އިމްރާންގެ މައްޗަށް ކުރަނީ ބޭރުގެ އިއްޒަތްތެރިންގެ ހަދިޔާގެ ތަފްސީލާއި އެ ތަކެތި ވިއްކައިގެން ލިބުނު ކަމަށް ބުނާ ފައިސާގެ ތަފްސީލް އޮޅުވާލައިގެން ހާމަކުރި ކަމުގެ ތުހުމަތެވެ. މި ހަދިޔާތަކުގެ ތެރޭގައި ރޮލެކްސް ގަޑިއަކާއި އަނގޮޓިއަކާއި ކަފް ލިންކްތަކެއް ހިމެނެ އެވެ.

